ކިޑް ޕްރޮޑަކްޝަން އާއި ސެޓާން ސުޓޫޑިއޯ ގުޅިގެން އުފައްދާ ފިލްމު ”ކަނބުލޮ“ ގެ ޓިކެޓު ވިއްކަން ފަށައިފިއެވެ. މި ފިލްމު އޮލިމްޕަހުގައި ދައްކަން ފަށާނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.
ރެކޯޑް ހެދި، ކާމިޔާބު ފިލްމު ”ކަމަނާ“ ގެ ދެ ޕްރޮޑިއުސަރުން ކަމަށްވާ އަލީ ޝާނިޒް މުހައްމަދު އަދި ހުސެން މުނައްވަރު ޕްރޮޑިއުސްކުރާ މި ފިލްމަކީ ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މުބާރާތުން އެންމެ މޮޅު ވާހަކައަށް ހޮވުނު ”ޔުކްތާ“ އަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. އަނިޔާވެރިކަމާއި ހިތާމަ އާއި ހިތްދަތިކަމުގެ ތެރެއިން އުންމީދާއި ލޯތްބާއި އުފާވެރިކަން ވެސް ދައްކުވައިދޭ މި ފިލްމުގެ އަސްލު ވާހަކަ ލިޔުއްވާފައިވަނީ ޔަޝްފާ އަބްދުލް ގަނީއެވެ.
ރާއްޖޭގައި ނެރެވުނު އެންމެ ކާމިޔާބު ފިލްމުތަކާއި ޑްރާމާތަކުގެ ސްކްރީން ޕްލޭ ލިޔުއްވި މަހުދީ އަހުމަދު މި ފިލްމުގެ ސްކްރީން ޕްލޭ ލިޔުއްވާފައިވާއިރު، މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓުކުރާ 4 ވަނަ ފިލްމެވެ. މުޖުތަމައުގައި ޖިންސީ އަނިޔާއާއި ކުޑަކުދިންނަށް ކުރަމުންދާ ގޯނާތަކުގެ މައްޗަށް އަލިއަޅުވާލާފައިވާ މި ފިލްމުން އެފަދަ ކަންކަން އެއްވެސް މިންވަރަކަށް ތަހައްމަލު ނުކޮށް ރިޕޯޓް ކުރުމަށް ހިތްވަރުދެއެވެ.
ހުސެން މުނައްވަރު ޑައިރެކްޓުކުރާ މި ފިލްމުގައި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހްމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާސިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާ ފަދަ ނަންމަޝްހޫރު ތަރިން ތަމްސީލުކުރައްވައެވެ.
ފިލްމުގެ ޓިކެޓުގެ ބުކިންއަށް ކުރިން ހުޅުވާލާފައިވާއިރު، ފުރަތަމަ ޝޯގެ ބުކިން މިއަދު މެންދުރު 12 ޖެހުމުގެ ކުރިން ނުނަގާނަމަ ކެންސަލްވާނެ ކަމަށް ވަނީ އިއުލާނުކޮށްފައެވެ.
