ފުވައްމުލައް ސިޓީގައި ރޭ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި، އެ ސައިކަލް ދުއްވަން އިން 17 އަހަރުގެ ފިރިހެން ކުއްޖަކު ނިޔާވެއްޖެއެވެ. މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 2:30 ހާއިރުއެވެ.

މި އެކްސިޑެންޓު ހިނގީ ފުވައްމުލަކު ފުނާޑު އަވަށުގެ ހުސްނުހީނާ މަގުގައެވެ.

މި އެކްސިޑެންޓު ހިނގި ސީދާ ގޮތް މިހާރު ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރުމިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

އެނގިފައިވާ ގޮތުގައި ސައިކަލް ދުއްވަން އިން ކުއްޖާގެ ބޮލަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެ ކުއްޖާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހާލު ވަރަށް ސީރިއަސްއެވެ.