ރާއްޖެއިން ފުރާ މަތިންދާބޯޓުތަކުން ލައިޓަރު ގެންދިއުމުގެ ހުއްދަ ޑިފެންސް މިނިސްޓްރީއިން ދީފިއެވެ.

ދިވެހިރާއްޖެއިން ފުރާ ފްލައިޓްތަކުގައި ފަސެންޖަރުން ދަތުރުކުރާއިރު ކޮންމެ ފަސިންޖަރަކަށް އެއް ލައިޓަރު އެރުވުމަކީ ހުއްދަ ކަމެއް ކަމަށް ޑިފެންސް މިނިސްޓްރީއިން ވަނީ ބުނެފައެވެ. ޑިފެންސް މިނިސްޓްރީއިން މި ހުއްދަ ދީފައިވަނީ ދުނިޔޭގެ ސިވިލް އޭވިއޭޝަން ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް، ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް (އެންސީއޭއެސްޕީ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކަށް ރިއާޔަތްކޮށެވެ.

ނަމަވެސް ދަތުރުކުރާއިރު، ލައިޓަރު ހިފައިގެން ދިއުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް ޑިފެންސް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، އެއްވެސް އެއާލައިނަކުން ވަކި ފްލައިޓަކަށް ލައިޓަރު އެރުވުން މަނާކުރަން ބޭނުންވެއްޖެ ހާލަތެއްގައި، އެކަން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާ ގުޅިގެން ކުރިއަށް ގެންދެވިދާނެކަމަށް ބުނެފައިވެއެވެ. މިފަދަ ހާލަތެއްގައި، އެއާލައިނުން މިނިސްޓްރީއަށް އެކަން ލިޔުމުން ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ،

މީގެ ކުރިން ރާއްޖޭގެ ފްލައިޓްތަކުން ދަތުރުކުރާއިރު ލައިޓަރު ގެންދިއުމަކީ މަނާކަމެކެވެ.