ލޯކަލް ކައުންސިލްތަކުން މާލީ ބާރުވެރިކަމުގެ ބޭނުން ހިފަނީ ޒިންމާދާރުކަމާ އެކުގައި ކަން ކަށަވަރު ކުރުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ހިފެހެއްޓޭ ގޮތަށް ލާމަރުކަޒީ ގެންނަން ރަައްޔިތުންގެ މަޖިލިހުން އިއްޔެ ފާސްކުރި އިސްލާހުތަކުގެ ބަހުސް ހޫނުވެފައިވާ ދަނޑިވަޅުގައި ރޭ ކުރެއްވި ޕޯސްޓެއްގަ އެވެ.
އާދަމް ޝަރީފު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށްޓަކައި ރައީސް ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ކަމަށެވެ.
އޭގެ ތެރޭގައި ކައުންސިލްތަކަަށް ފަޅުރަށްތައް ދެއްވުމާއި ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލު ކުރެއްވުމާއި ކައުންސިލުން ހުށަހަޅާ ގޮތަަށް ކަންކަން ނިންމަވައި ދެއްވުމާއި މަޝްރޫއުތަކަށް ކައުންސިލްތަކުން ހުށަހަޅާ ބަދަލުތައް ގެނެސްދެއްވުން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
”[އެއީ] ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ހަގީގީ މާނައިގައި ބާރުވެރިކޮށް، ރައްޔިތުންގެ އިތުބާރު ކައުންސިލްތަކަށް ހޯއްދަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއި ކުރައްވާ މަސައްކަތްޕުޅުތައް،“ އާދަމް ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ވީރާނާ ވެފައިވާ 105 ކައުންސިލް އިދާރާ އިމާރާތް ކޮށްދިނުމަކީ ސީދާ ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރަމުން އަންނަ ކަންކަމެވެ.
”ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކޮށް، މާލީ ބާރުވެރިކަމުގެ ބޭނުން ކައުންސިލްތަކުން ކުރަނީ ޒިންމާދާރުކަމާއެކުގައިކަން ކަށަވަރު ކުރުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް،“ މިނިސްޓަރު ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނުގެ އިސްލާހުގެ ބިލްގައި ބުނަނީ ކީކޭ؟
ކައުންސިލްތަކުގެ މާލީ ހަރަދުތައް ކުރުން ހަނިކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ހުށަހެޅިި އިސްލާހުތަކުގެ ތެރެއިން އެއް ކަމަކީ ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގައި މާލީ ކަންކަން ހިންގާއިރު ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލެއްގެ ތެރެއިން އަމަލުކުރަން ލާޒިމް ކުރުމެވެ.
އެ އިސްލާހުގައި ބުނެފައި ވަނީ ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ އެއް އަހަރު ނުވަތަ އެ އަށް ވުރެ ކުރު މުއްދަތެއް ނަމަ ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ނޫނީ ބައެއް ކަންކަން ކުރަން ކައުންސިލުން ނިންމައިގެން ނުވާނެ ކަމަށެވެ. އެއީ:
1- ކައުންސިލް އިދާރާ އަށް ނުވަތަ ކައުންސިލް އޮފީހަކަށް ދާއިމީ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް މުވައްޒަފުން ނެގުން.
2- ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން. ބިލްގައި ދެން ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ކައުންސިލް ހިމެނޭ ދާއިރާތަކުގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ ބާރު އެ ރަށެއްގެ ލޯކަލް އޮތޯރިޓީ ކުންފުންޏަށް ދީފައިވީ ނަމަވެސް ވަކި ޝަރުތުތަކެއް ފުރިހަމަ ކުރަން ޖެހުމެވެ. އޭގެ ތެރޭގައި ހިމެެނެނީ ބިލްގައިވާ ގޮތުން:
1- އެ ލޯކަލް އޮތޯރިޓީ ކުންފުނިން ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތަކުން ކުރަމުންދާ އިގުތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުން.
2- އެ މަސައްކަތަކީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީ އަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތަކަށް ނުވުން.
3- އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލުގެ އަދަދު 10 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނުވުން.
ބިލްގައި ބަޔާންކޮށްފައިވާ ގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ވެސް ނުނެގޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުއްޔަށް ދޫކޮށްފައިވާ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުއްޔާއި ކައުންސިލްގެ އިމާރާތްތަކާއި މުދަލުގެ ކުއްޔެވެ.
ކައުންސިލްތަކުގެ ބޭންކު އެކައުންޓުތައް ހިންގަންޖެހެނީ ބިލްގައިވާ ގޮތުން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ތެރެއިންނެވެ. އަދި އެ ކައުންސިލެއްގެ ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓް ހޯދަން ފިނޭންސް މިނިސްޓްރީން އެދިއްޖެ ހާލަތެއްގައި އެ މައުލޫމާތު ވެސް އެ މިނިސްޓްރީ އަށް ދޭން ވާނެ ކަމަށް ބިލްގައި ވެ އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން ގެންދަނީ ފެށުނީއްސުރެ މި އިސްލާހުތަކާ ދެކޮޅަށް ކެމްޕެއިން ކުރަމުންނެވެ. އެންމެ ފަހުން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ވެސް ވަނީ އެ ބިލް ތަސްދީގު ނުކުރަން ރައީސް މުއިއްޒަށް ގޮވާލައިފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތަކާ ދެކޮޅަށް މިހާތަނަށް 56 ކައުންސިލަކުން ކަންބޮޑުވުން ފާޅުކޮށް، ބަޔާން ނެރެފައި އޮއްވައި ވެސް، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން، އެ ކަންބޮޑުވުންތައް އަޑުނާހައި، އެ ބިލު ފާސްކޮށްފައިވާ ކަމަށެވެ.
”މިރޭ އަޅުގަނޑު ހަމަ ގައުމަށްޓަކައި ރައީސް މުއިއްޒަށް އަޅުގަނޑު ހަމަ ގޮވާލަން [ކައުންސިލްތަކާ ގުޅޭ ބިލް] ތަސްދީގުނުކުރަން. ތަސްދީގުނުކުރައްވާށޭ، އަލުން ވިސްނަވާށޭ، ތިކަން ހުއްޓާލައްވާށޭ،“ އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި އެ ޕާޓީގ ޗެއާޕާސަން ފައްޔާޒު ރޭ ވިދާޅުވި އެވެ.
ނަމަވެސް ސަރުކާރުން ކެނޑިނޭޅި ބުނަމުން އަންނަނީ އެ އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކުގެ ބާރު ނުކެނޑޭނެ ކަމަށާއި އެމްޑީޕީން މަސައްކަތް ކުރަނީ އާންމުންގެ ހިތުގައި ނުބައި ތަސަސްވުރެއް އުފައްދަން ކަމަށެވެ.
”މީގައި މި ބުނަނީ ކައުންސިލްތަކުން ވިޔަފާރި ކުރާށޭ ލޯކަލް ގަވަމަންޓް ކުންފުނިތައް މެދުވެރިކޮށް. ކުރާއިރުގައި އެ ރަށެއްގައި އާންމު ރައްޔިތަކު ކުރާ މަސައްކަތެއް ނުކުރާށޭ. ދިހަ މިލިއަނަށް ވުރެ ބޮޑު އަދަދެއްގެ ވިޔަފާރިއަކަށް ނުވާށޭ. އަދި ހަމަ އެހެންމެ ކައުންސިލުން ކުރަން ކަނޑައަޅާ މަސައްކަތަކީ ރަށުގެ އުމްރާނީ ތަރައްގީއާ ކޮންމެހެން ގުޅިފައިވާ މަސައްކަތަކަށް ވާާށޭ،“ ބިލްގެ ބައެއް ތަފުސީލްތައް ތިލަކޮށްދެއްވަމުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރައްޔިތުންގެ މަޖިލިހުގައި ވިދާޅުވެފައި ވެ އެވެ.
