ރާއްޖޭގެ މައި ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޑިންގ އޯރގަނައިޒޭޝަން (އެސްޓީއޯ)ގެ ފިޔާ ޝިޕްމަންޓް ބާޒާރަށް ނެެރެ ވިއްކަން ފަށައިފިއެވެ.

މިކަން ހާމަކޮށް އެސްޓީއޯއިން މީޑިއާތަކަށް ފޮނުވިމެސެޖްގައި ވަނީ، މި ޝިޕްމަންޓަކީ މޫސުމީ ލޮޅުންތަކުގެ ސަބަބުން ރާއްޖޭގެ ފިޔާ ސަޕްލައިއަށް ދިމާވި ދަތިތަކަކާއި ގުޅިގެން ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުމަށް ދަތިވުމުގެ ސަބަބުން މާކެޓް ސްޓޭބަލައިޒް ކުރުމަށް ގެނައި ޝިޕްމަންޓެއް ކަމަށް ބުނެފައެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ހޯލްސޭލްސެންޓަރުން މިވަގުތު ފިޔާ ލިބެން ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެސްޓީއޯއިން ޕީޕަލްސް ޗޮއިސުން ފިޔާ ކިލޯއެއް މިވަގުތު ލިބެން ހުންނާނީ 15 ރުފިޔާއަށެވެ. އަދި އެސްޓީއޯ ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށްވެސް މިވަގުތު ފިޔާ ލިބެން ހުންނާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ ދެ ހަފްތާ ކުރިން ފިޔާ ލިބުން ދަތިވީ މޫސުން ގޯސްވުމާ ގުޅިގެން ވިޔަފާރިވެރިންނަށް ފިޔާ އެތެރެނުކުރެވިގެންނެވެ. އަދި ފިޔާ ހިފައިގެން އައި ބައެއް ބޯޓުތައް މާލޭ ވިޔަފާރި ބަނދަރަށް ވަތް ނަމަވެސް މޫސުން ގޯސްވެގެން މުދާ ބޭލުމުގައި ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވިގެންނެވެ.