ގެވެށި އަނިޔާގެ މައްސަލައެއްގައި ހިޔާ ފްލެޓެއް ރޭ ފާސްކުރަނިކޮށް ފެނުނު 242 ވޭޕް ފްލޭވާ ފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ 2 ގެ ޕޮލިސް ސްޓޭޝަނަށް ރޭ 9:14 ގައި ހުށަހެޅި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން، ހިޔާ ފްލެޓުގެ އެޕާޓްމަންޓެއް ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފްލޭވާ ފުޅި ފެނިފައިވާ ކަމަށެވެ.
އެ އެޕާޓްމަންޓުން ޖުމްލަ 242 ވޭޕް ފްލޭވާ ފުޅި ފެނިފައިވާ ކަމަށާއި އެ ތަކެތި މިހާރު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށްގެނައި އިސްލާހާ އެކު، ރާއްޖެ އަށް ވޭޕް އެތެރެކުރުމާއި އެ ބޭނުންކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.
އެ ގާނޫނަށް އޭރު ގެނައި ބަދަލުތަކުން، ވޭޕް ކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެ ކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.
ރާއްޖެއަށް ވޭޕް އެތެރެކޮށްގެން ކޮށްފައިވާ ޖޫރިމަނާ މިހާތަނަށް 400 މިލިއަން ރުފިޔާއަށް އަށް ވުރެ ގިނަ ކަމަށާއި އެކަކު 72 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ޖެހުނު ކަމަށް ކަސްޓަމްސް އިން މިދިޔަ އަންގާރަ ދުވަހު ”މިހާރު“ އާ ހިއްސާކުރި މައުލޫމާތުގައިވެ އެވެ.
