މުޅި ޣައްޒާ ޔަހޫދީ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނައުމަށް އިސްރާއީލޭ ކިޔުނު މުޖުރިމު ޖަމާއަތުގެ ބޮޑުމުޖުރިމު ބެންޖަމިން ނަތަންޔާހޫ ނިންމި ނިންމުން ”އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި“ ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ މުޅި ޣައްޒާ އެއްކޮށް ޔަހޫދީންގެ ބާރުގެ ދަށަށް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް ބޮޑުމުޖުރިމު ނަތަންޔާހޫ ބުނުމާ ގުޅިގެންނެވެ.

މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޔަހޫދީން ފަލަސްޠީނުގައި ހިންގާ ޤަތުލުޢާންމަކީ ބައިނަލްއަޤުވާމީ އިންސާނީ ޤާނޫނުތަކާއި ހަމަތަކާ ޚިލާފަށް ހިންގާ ޢަމަލުތަކެއް ކަމަށެވެ. އަދި އެ ޢަމަލުތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމަށް ހުރަސްއެޅިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުޅި ޣައްޒާ ޔަހޫދީ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނައުމަށް ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމި ނިންމުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިއީ ޔަހޫދީން މިހާރު ހިފާފައިވާ ސަރަހައްދުތަކުގައި ތިބި ފަލަސްޠީނުގެ ރައްޔިތުންނަށް އިތުރު ހިތާމައެއް ލިބި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން ހަމަޖެހުމަށް ހުރަސްއެޅޭ ނިންމުމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއިން އަބަދުވެސް ދެމި އޮންނާނީ ފަލަސްޠީނުގެ މުސްލިމުންނާއެކު ކަމަށެވެ. އަދި ފަލަސްޠީނުގެ މިނިވަންކަމާއި ސިޔާދަތަށް ހުރަސް އެޅި، ޣައްޒާގެ ބާރުވެރިކަން ހޯދުމަށް ޔަހޫދީންކުރާ އެއްވެސް ޢަމަލެއް ބަލައި ނުގަންނާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ޣައްޒާގެ ބާރުވެރިކަން ހޯދުމަށް ޔަހޫދީން ހިންގައި ޢަމަލުތައް ހުއްޓުވައި، ހިންގާފައިވާ ޖަރީމާތަކަށް ޔަހޫދީން އިންސާފުގެ ކުރިމައްޗަށް ގެނައުމަށްޓަކައި ހަރުކަށި ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ ދުނިޔެއަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ހަރުކަށި ޔަހޫދީން ވަނީ ޣައްޒާގައި 61،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ފަލަސްޠީނުގެ 98 ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި ބަނޑުހައިހޫނުކަމުގެ ސަބަބުންވެސް ޣައްޒާގެ އެތައް ރައްޔިތުންތަކެއް ދަނީ މަރުވަމުންނެވެ.