މިދިޔަ ޖުލައި މަހު އަސާސީ ތަކެތީގެ ތެރެއިން އެންމެ ބޮޑަށް އަގު ބޮޑުވެފައިވަނީ ކޮފީ އާއި މޭވާ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އިއްޔެ އާންމުކުރި ހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން ކޮފީގެ އަގު 13.5 އިންސައްތަ އުފުލިފައިވާއިރު، މޭވާގެ އަގު ވަނީ 9.8 އިންސައްތަ މައްޗަށް ގޮސްފއެވެ.

ސްޓެޓިސްޓިކްސް ބިއުރޯގެ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ޖުލައި މަހު އަސާސީ ތަކެތީގެ އަގުތައް ވަނީ އޭގެ ކުރީ ޖޫން މަހާ އަޅާބަލާއިރު 2.7 އިންސައްތަ މައްޗަށް ގޮސްފައެވެ. މިއީ ދިވެހި ރުފިޔާގެ އަގު ދަށްވަމުން ދިއުމާއެކު ތަކެތީގެ އަގު ބޮޑުވަމުންދާކަމުގެ ކަންބޮޑުވުން އިތުރުވަމުންދާ ދަނޑިވަޅެއްގައި ފާހަގަކުރެވޭ ބޮޑު އަގު ބޮޑުވުމެކެވެ.

ކޮފީގެ އަގު 13.5 އިންސައްތަ އުފުލިފައިވާއިރު، މޭވާގެ އަގު ވަނީ 9.8 އިންސައްތަ މައްޗަށް ގޮސްފަ —-

ހިސާބުތަކުން ދައްކާގޮތުގައި މަހުން މަހަށް ބަލާއިރު ތަރުކާރީގެ އަގު ވަނީ 4.3 އިންސައްތަ އުފުލިފައެވެ. އަދި ރީތިވާ ސާމާނުގެ އަގު 1.6 އިންސައްތަ އުފުލިފައިވާއިރު، ހަނޑުލާއި ފުށާއި ސީރިއަލްގެ އަގު ވަނީ 0.1 އިންސައްތަ މައްޗަށް ގޮސްފައެވެ. ނަމަވެސް މަހުގެ އަގު 0.9 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ކަނޑުމަހުގެ އަގު ވަނީ 0.4 އިންސައްތަ ދަށްވެފައެވެ.

އަހަރުން އަހަރަށް ބަލާއިރު ކޮފީއާއި މޭވާގެ އަގު މައްޗަށް ދިޔަ ނަމަވެސް، ތަރުކާރީގެ އަގު ވަނީ 3.7 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި ގޭހުގެ އަގުވެސް ވަނީ 1.5 އިންސައްތަ ދަށަށް ގޮސްފައެވެ. މީގެ އިތުރުން ބަންދުކުރި ކާނާގެ ބާވަތްތަކުގެ އަގު ވަނީ 1.1 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ކައްކާ ތެލުގެ އަގުވެސް ވަނީ 0.9 އިންސައްތަ ދަށަށް ގޮސްފައެވެ.