ހުޅުމާލެ 1 އަދި ހުޅުމާލެ 2ގެ ހުރިހާ ސަރަހައްދުތަކަށްވެސް ކަރަންޓުދީފިއެވެ.

މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ މިއަދު ހެނދުނު 9:30 ކަންހާއިރުއެވެ.

ކަރަންޓުގެ ޚިދުމަތްދޭ މައި ކުންފުނި – ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި މި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްކުރަމުންދާކަަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ބުބީ މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ކަރަންޓުދޭން ފަށާފައިވާ ކަމަށެވެ. އަދި މުޅި ހުޅުމާލެއަށް ކަރަންޓު ދެވި، މާލޭގެ ގިނަ ސަރަޙައްދުތަކަށް މިހާރު ކަރަންޓު އަލުން ފޯރުކޮށްދެވިފައިވާ ކަމަށެވެ.

ބާކީ ހުރި ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑް އެނަރޖައިޒްކޮށް ސިންކްރޮނައިޒް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށާއި ގާތްގަނޑަކަށް 40 މިނިޓުގެ ތެރޭގައި ކަރަންޓު ދިނުމުގެ ހުރިހާ މަސައްކަތެއް ނިންމާލެވި، މުޅި މާލެ އަށް ކަރަންޓު ފޯރުކޮށްދެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މިއީ މިތިންމަސް ތެރޭގަައި މާލޭ އޭރިއާއިން ކަރަންޓު ކަނޑުނު ތިންވަނަ ފަހަރެވެ.

އެންމެ ފުރަތަމަ މުޅި މާލެއިން ކަރަންޓް ދިޔައީ މިދިޔަ ޖޫން މަހުގެ އެއް ވަނަ ދުވަހުއެވެ. އެއަށްފަހު މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހު ވެސް މުޅި މާލެ ސަރަހައްދުން ކަރަންޓު ދިޔައެވެ. އަދި މިއަދު ހެނދުނު 9:30 އިން ފެށިގެން މާލެ ސަރަހައްދަކު ކަރަންޓެއް ނެތެވެ.