އަރުތަ ފުޓްސަލް މުބާރާތް 2025ގައި ރ. ވާދޫ އެފްސީ ކުޅުނު ފަހު މެޗުގައި ރ. އަލިފުށި އަތުން ބަލިވެއްޖެއެވެ.
މިއާއެކު، ރ. ވާދޫ އެފްސީއަށް މުބާރާތް ނިމިފައިވާއިރު، މިމުބާރާތުގައި ރ. ވާދޫ އެފްސީން ކުރި ހިތްވަރު ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. މުބާރާތުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނަސް، ރ. ވާދޫ އެފްސީން ދެއްކި ރިވެތި ކުޅުމާއި ކުޅިވަރުގެ ރަނގަޅު އަޚްލާޤަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.
އަލިފުށި ފުޓްސަލް ޓީމު އަތުން ރ. ވާދޫ އެފްސީ ބަލިވެފައި ވަނީ 5-0ގެ ނަތީޖާއަކުންނެވެ.
ދެ އަހަރު ދުވަހަށް ފަހު މިމުބާރާތަށް އެނބުރި އައި ވާދޫ އެފްސީގެ ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިން މިޗެލެންޖާ ކުރިމަތިލީ ވަރަށް ހިތްވަރާއެކުގައިކަން ކުޅުންތެރިން މެޗުތަކުގައި ދެއްކި ކުޅުމުންވެސް ފެނިގެންދިޔައެވެ.
މިއީ ރ އަތޮޅު ކައުންސިލްގެ 4 ވަަނަ ދައުރުގައި ކުޅިވަރުގެ ދާއިރާއިން އަތޮޅުގައި ހުނަރުވެރިން އުފެއްދުމުގެ މަޤްސަދުގައި ބާއްވަންފެށި މުބާރާތުގެ 4 ވަނަ މުބާރާތެވެ.

ރަސްމާދޫގައި ކުރިއަށްދާ މިމުބާރާތުގައި ޖުމުލަ 11 ރަށަކުން ބައިވެރިވެއެވެ.
އެ 11 ރަށަކީ:
- ދުވާފަރު
- މީދޫ
- އިނގުރައިދޫ
- އަލިފުށި
- ކިނޮޅަސް
- އިންނަމާދޫ
- ހުޅުދުއްފާރު
- މަޑުއްވަރީ
- ވާދޫ
- މާކުރަތު
- ރަސްމާދޫ
މި މުބާރާތް ޖެހިޖެހިގެން 3 ފަހަރު ދުވާފަރުން ކާމިޔާބުކޮށްފައިވާ އިރު 3 އަހަރުވެސް ފައިނަލްގައި އިނގުރައިދޫ ކުޅެފައިވެއެވެ. މި އަހަރުގެ މުބާރާތަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޓީމްތައް ބައިވެރިވި ފަހަރުކަމުގައި ފާހަގަކޮށްލެވެއެވެ.

ރ. އަތޮޅު ކައުންސިލުން، މި އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ރ. އަތޮޅު ފުޓްސަލް މުބާރާތުގެ މައިގަނޑު މަޤުސަދަކީ އަތޮޅުގެ ރަށްރަށުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ކުޅިވަރުގެ ރޫޙު ދިރުވާ އާލާކުރުމާއި، އަތޮޅުގައި ފުޓްސަލް މި ކުޅިވަރު ކުރިއަރުވަން އެހީތެރިވުމެވެ. ހަމައެހެންމެ، އަތޮޅުގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއި، ފުޓްސަލްގެ ހުނަރު އިތުރުކުރުމަކީ މުބާރާތް ބޭއްވުމުގެ މަގުސަދެކެވެ.
