އަރުތަ ފުޓްސަލް މުބާރާތް 2025ގައި ކުޅުނު ރ. ވާދޫ އެފްސީއަށް ވާދޫ ޑަބްލިޔުޑީސީގެ ފަރާތުން ސަޕްރައިޒެއް ދީފިއެވެ.
އަރުތަ ފުޓްސަލް މުބާރާތް 2025ގައި ރ. ވާދޫ އެފްސީ ކުޅުނު ފަހު މެޗުގައި ރ. އަލިފުށި އަތުން ވީބައްޔާއެކު މުބާރާތާ އަލްވަދާޢުކިޔާ މާޔޫސްކަމުގައި އެނބުރި ވާދޫއަށް އައި ޓީމަށް، މިރޭ ރަށުން ފެނިގެންދިޔައީ އުފާވެރި މަންޒަރެކެވެ.
ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ ފަރާތުން، އެޓީމަށް ރަށުން މަރުހަބާކީ ތަފާތު ގޮތަކަށެވެ. އެއީ ރޭގަނޑުގެ ޖާފަތަކާއި މާމަލުގެ މަރުހަބާއެކެވެ. މިކަން ވެގެންދިޔައީ އެ ކުޅުންތެރިންގެ މާޔޫސްކަން އުފާވެރިކަމަށް ބަދަލުކޮށްލި ސަޕްރައިޒަކަށެވެ.
އަރުތަ ފުޓްސަލް މުބާރާތް 2025ގައި ރ. ވާދޫ އެފްސީ ކުޅުނު ފަހު މެޗުގައި ރ. އަލިފުށި އަތުން ބަލިވެ، ރ. ވާދޫ އެފްސީއަށް މުބާރާތް ނިމިފައިވާއިރު، މިމުބާރާތުގައި ރ. ވާދޫ އެފްސީން ކުރި ހިތްވަރު ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. މުބާރާތުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނަސް، ރ. ވާދޫ އެފްސީން ދެއްކި ރިވެތި ކުޅުމާއި ކުޅިވަރުގެ ރަނގަޅު އަޚްލާޤަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.

އަލިފުށި ފުޓްސަލް ޓީމު އަތުން ރ. ވާދޫ އެފްސީ ބަލިވެފައި ވަނީ 5-0ގެ ނަތީޖާއަކުންނެވެ.
ދެ އަހަރު ދުވަހަށް ފަހު މިމުބާރާތަށް އެނބުރި އައި ވާދޫ އެފްސީގެ ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިން މިޗެލެންޖާ ކުރިމަތިލީ ވަރަށް ހިތްވަރާއެކުގައިކަން ކުޅުންތެރިން މެޗުތަކުގައި ދެއްކި ކުޅުމުންވެސް ފެނިގެންދިޔައެވެ.
މިއީ ރ އަތޮޅު ކައުންސިލްގެ 4 ވަަނަ ދައުރުގައި ކުޅިވަރުގެ ދާއިރާއިން އަތޮޅުގައި ހުނަރުވެރިން އުފެއްދުމުގެ މަޤްސަދުގައި ބާއްވަންފެށި މުބާރާތުގެ 4 ވަނަ މުބާރާތެވެ.
ރަސްމާދޫގައި ކުރިއަށްދާ މިމުބާރާތުގައި ޖުމުލަ 11 ރަށަކުން ބައިވެރިވެއެވެ.
އެ 11 ރަށަކީ:
- ދުވާފަރު
- މީދޫ
- އިނގުރައިދޫ
- އަލިފުށި
- ކިނޮޅަސް
- އިންނަމާދޫ
- ހުޅުދުއްފާރު
- މަޑުއްވަރީ
- ވާދޫ
- މާކުރަތު
- ރަސްމާދޫ

އަރުތަ ފުޓްސަލް މުބާރާތް 2025ގެ ސެމީ ފައިނަލްގައި ކުޅޭނެ ޓީމްތައް މިހާރު ވަނީ ކަށަވަރުވެފައެވެ.
މި މުބާރާތް ޖެހިޖެހިގެން 3 ފަހަރު ދުވާފަރުން ކާމިޔާބުކޮށްފައިވާ އިރު 3 އަހަރުވެސް ފައިނަލްގައި އިނގުރައިދޫ ކުޅެފައިވެއެވެ. މި އަހަރުގެ މުބާރާތަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޓީމްތައް ބައިވެރިވި ފަހަރުކަމުގައި ފާހަގަކޮށްލެވެއެވެ.
ރ. އަތޮޅު ކައުންސިލުން، މި އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ރ. އަތޮޅު ފުޓްސަލް މުބާރާތުގެ މައިގަނޑު މަޤުސަދަކީ އަތޮޅުގެ ރަށްރަށުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ކުޅިވަރުގެ ރޫޙު ދިރުވާ އާލާކުރުމާއި، އަތޮޅުގައި ފުޓްސަލް މި ކުޅިވަރު ކުރިއަރުވަން އެހީތެރިވުމެވެ. ހަމައެހެންމެ، އަތޮޅުގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއި، ފުޓްސަލްގެ ހުނަރު އިތުރުކުރުމަކީ މުބާރާތް ބޭއްވުމުގެ މަގުސަދެކެވެ.
