އައްޑޫ ސިޓީ ހިތަދޫގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހުންނަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 21:17 ހާއިރު ކަމަށް ފުލުހުން މަޢުލޫމާތު ދީފައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ލައިސަންސް ނެތި ސައިކަލު ދުއްވި ކުއްޖަކު ފަހާ ފުލުހުން ދުއްވަމުން ދަނިކޮށް، އެ ސައިކަލު އެހެން ސައިކަލަކާ ޖެހުމުގެ ސަބަބުންކަމަށް މައުލޫމާތު ލިބެއެވެ. އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އެއް ސައިކަލު ދުއްވި އަންހެނަކާއި، އަނެއް ސައިކަލު ދުއްވި 15 އަހަރުގެ ކުއްޖަކާއި އެ ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖެކެވެ.

އެކްސިޑެންޓްގައި އަނިޔާވި ފަރާތްތަކަށް މިވަގުތު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް އެ ފަރާތްތަކަށް ލިބުނު އަނިޔާގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.