ރ. ވާދޫއަކީ ހިތްވަރުހުރި ނަމޫނާ ރަށެއްކަން ސާބިތުކޮށްދީ ރ. ވާދޫ އެފްސީ އެތައް ބައެއްގެ ލޯބި ހޯދައިފި ކަމަށް ރ. އަތޮޅު ކައުންސިލްގެ ރައީސް ހުޞައިން ނާޞިފް ވިދާޅުވެއްޖެއެވެ.

އަރުތަ ފުޓްސަލް މުބާރާތުގައި ވާދޫ ތަމްސީލް ކުރި ރ. ވާދޫ އެފްސީއާ ގުޅޭ ގޮތުން ސޯޝަލްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ނާޞިފް ވަނީ މީސްކޮޅު މަދު އާބާދީ ކުޑަ ވާދޫއިން އަރުތަ ފުޓްސަލް މުބާރާތުގައި ވާދަކޮށް ދެއްކި ހިތްވަރާއި ފަންވަރުގެ ސަބަބުން އެތައް ބައެއްގެ އިހުތިރާމާއި ލޯބި ހޯދައިފިކަން ކަށަވަރު ކަމަށް ވިދާޅުވެފައެވެ.

ނާޞިފް ވިދާޅުވީ، ރ. ވާދޫ އެފްސީގެ މެނޭޖްމަންޓާއި އޮފިޝަލުންނާއި ކުޅުންތެރިންގެ ކިބައިން ފެނުނު ރިވެތި އަހުލާގާއި ދެއްކި ނަމޫނާ ސިފަތަކާމެދު ފަހުރުވެރިވާ ކަމަށެވެ. ރ. އަތޮޅު ރައީސް ވިދާޅުވީ މުޅި ޓީމަށް ހިތުގެ އިހްލާސްތެރި ޝުކުރު އަދާކުރާ ކަމަށެވެ.

”އަޅުގަނޑުގެ ދުޢާއަކީ ވާދޫ ޓީމަށް ކުރިއެރުމާއި ކާމިޔާބު މިންވަރު ކުރެއްވުން. އާމީން“ ނާޞިފް ލިޔުއްވިއެވެ.

އަރުތަ ފުޓްސަލް މުބާރާތް 2025ގައި ވާދަކުރި ”ރ. ވާދޫ އެފްސީ“އިން ވެސް ވަނީ ރ. ރަސްމާދޫއާއި ރ. އަތޮޅު ކައުންސިލަށް ޝުކުރު އަދާކޮށް ތައުރީފްކޮށްފައެވެ.

ރ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން، ރަސްމާދޫގައި މިހާރު ކުރިއަށްގެންދާ މުބާރާތުން އަލްވަދާއު ކިޔާފައިވާ ރ. ވާދޫ އެފްސީގެ އޮފިޝަލް ފޭސްބުކް ޕޭޖްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނީ، ރަސްމާދޫއިން ރ. ވާދޫ އެފްސީއަށް ދެއްވި މެޙްމާންދާރީއަކީ މިފަދަ މުބާރާތެއްގައި ދެވޭނެ އެންމެ ފުރިހަމަ މެޙްމާންދާރީ ކަމަާށާއި ރަސްމާދޫގެ ރައްޔިތުންގެ ހިތްހެޔޮކަމާއި، ދެއްވި އެއްބާރުލުން، ނުހަނު އިޙުލާސްތެރިކަމާއެކު އެ ޓީމުން ބަލައިގަންނަ ކަމަށެވެ.

އަރުތަ ފުޓްސަލް މުބާރާތް 2025ގައި ރ. ވާދޫ އެފްސީ ކުޅުނު ފަހު މެޗުގައި ރ. އަލިފުށި އަތުން ވަނީ ބަލިވެ —- ފޮޓޯ: ރ. އަތޮޅު ކައުންސިލް

މުބާރާތް ބޭއްވި މާހައުލަކީ ވަރަށް ހިތްގައިމު، ވަރަށް ފުރިހަމަ މާހައުލެއްކަން ފާހަގަކޮށް ރ. ވާދޫ އެފްސީގެ ޕޯސްޓުގައި ބުނީ ރަސްމާދޫގެ ރީތިކަން ހިތްތަކުގައި އަބަދަށްޓަކައި ބިންވަޅު ނެގިގެން ހިނގައްޖެ ކަމަށެވެ.

މުބާރާތުގެ އޮފިޝަލުންނާއި ރެފްރީންގެ ހިތްހެޔޮކަން ހާއްސަކޮށް ފާހަގަކޮށް، އެ ޓީމުން ބުނީ އެބޭފުޅުންގެ ސަމާލުކަމާއި، އިންސާފުވެރިކަން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށާއި އެއީ މިފަދަ މުބާރާތެއްގެ ކާމިޔާބީގެ މުހިންމު ބައެއް ކަމަށެވެ.

ރ. އަތޮޅުގައި ކުޅިވަރުގެ ރޫޙު އާލާކޮށް ދިރުވުމަށާއި ހުނަރުވެރި ދަރިންތަކެއް އުފެއްދުމަށް ރ. އަތޮޅު ކައުންސިލްގެ ރައީސް ޙުސައިން ނާސިފް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވައި މިފަދަ މަސައްކަތްތަކުން އަތޮޅުގެ ކުޅިވަރަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއްކަންވެސް އެ ޕޯސްޓުގައި ފާހަގަކުރިއެވެ.

”މި މުބާރާތުން ވާދޫ ޓީމު އަލްވަދާއު ކިޔަން ޖެހުނަސް، ތިޔަ ދެއްވި ހިތްހެޔޮ އޯގާތެރި މެހެމާންދާރީގެ ސަބަބުން، މުބާރާތުން ވަކިވެގެންދާއިރު އޮތް ނުތަނަވަސްކަން މިހާރު ވަނީ ފިލައިގެން ގޮސްފައި.“ – ރ. ވާދޫ އެފްސީ

ރ. ވާދޫގެ ފުޓްސަލް ޓީމުން ވަނީ މުޅި ރަސްމާދޫ ރައްޔިތުންނަށް، އަރުތަ ފުޓްސަލް ކޮމެޓީއަށް، މުބާރާތަށް އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް، ވާދޫ ޓީމުގެ ނަމުގައި ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކޮށްފައެވެ. ކުރިމަގުގައިވެސް މިފަދަ ގުޅުންތައް ބަދަހިވެގެންދިއުމަށް އެދޭ ކަމަށެވެ.