ޒުވާން ޚަޠީބުން ތަމްރީން ކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ތިން ވަނަ ޕްރޮގުރާމު ފުރިހަމަކޮށް ރ. ވާދޫއަށް ނިސްބަތްވާ ތިން ޒުވާން ޚަޠީބުން ސަނަދު ޙާސިލްކޮށްފިއެވެ.
ސަނަދު ހާސިލްކޮށްފައިވަނީ ވާދޫ ސްކޫލްގެ ގްރޭޑް 10ގައި ކިޔަވަމުން އަންނަ ދަރިވަރުން ކަމަށްވާ، އަޙުމަދު ރިފާޢު މުޙައްމަދު ނަޖީބް، އިޒްހާން ޢަބްދުލް މަޠީން އަދި އަޙުމަދު އާލިން މުޙައްމަދު ފާއިޒްއެވެ.



ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ތިން ވަނަ ޕްރޮގުރާމު ފުރިހަމަކޮށް އެކު ޖުމުލަ 269 ޒުވާން ޚަޠީބުން ވަނީ ސަނަދު ޙާސިލްކޮށްފައެވެ.
މި ތަމްރީން ޕްރޮގުރާމު ފުރިހަމަކޮށް ސަނަދު ޚާސިލްކުރި ޚަޠީބުންނަށް ސަނަދު ދިނުމަށް އަންގާރަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޚަޠީބުންނަށް ސަނަދު ހަވާލުކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ.
މިއާއެކު ޒުވާން ޚަަޠީބުން ތަމްރީން ޕްރޮގުރާމު ފުރިހަމަކުރި ޚަޠީބުންގެ އަދަދު ވަނީ 503 އަށް އަރާފައެވެ. އެގޮތުން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ފުރަތަމަ ބުރުގައި 65 ޚަޠީބުން އަދި ދެވަނަ ބުރުގައި 169 ޚަޠީބުން ވަނީ ސަނަދު ހާސިލްކޮށްފައެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީން ކުރުންކަން ފާހަގަކޮށްލެވެއެވެ.
ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމަކީ ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި ޒުވާން ކުދިންނަށް މި ފުރުސަތު ފަހިކޮށްދިނުމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮގުރާމެވެ.
