ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާޢީލުން ހިންގަމުންދާ ޤަތުލްޢާންމު ހުއްޓުވައި، ޣައްޒާ ހިޞޯރުން ނައްތާލުމަށް ގޮވާލުމަށް މިއަދު ހަވީރު ކުރިއަށްގެންދިޔަ ”ޤައުމީ ބޮޑު އެއްވުމަށް“ ދުނިޔޭގެ ސަމާލުކަން ލިބިއްޖެއެވެ.
މި އެއްވުން ބާއްވާފައިވަނީ މިއަދު ހަވީރު 4:30ގައި މާފަންނު ޓާފު ދަނޑުގައެވެ.
އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީން އިސްވެ ރާއްޖޭގެ ގިނަ އަދަދެއްގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އެެހެނިހެން ފަރާތްތައް އެކުވެ ކުރިއަށް ގެންދިޔަ މިއެއްވުމަކީ ޣައްޒާ ހިޞޯރުކުރުމާއި ދެކޮޅަށް އަޑު އުފުލުމަށް ބޭއްވި އެއްވުމެކެވެ. މި އެއްވުމުގައި ދައުލަތުގެ ވަޒީރުންނާއި ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިންނާއި އާންމު ރައްޔިތުން އަދި ބޭރުގެ ފަރާތްތަކުންވެސް ބައިވެރިވިއެވެ.
މި އެއްވުމުގައި ރާއްޖެއިންވަނީ އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ޣައްޒާއަށް އެހީފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކުރުމަށާއި މިނިވަން މުސްތަގިއްލު ފަލަސްޠީނެއް ގާއިމުކުރުމަށްވެސް މި އެއްވުމުގައި ވަނީ ގޮވާލާފައެވެ.
މި އެއްވުމުގައި ޣައްޒާގެ ގަތުލުއާންމު އަދި އިސްރާއީލްގެ އަނިޔާތައް ކައިރިން ތަޖުރިބާކޮށްފައިވާ ފަލަސްޠީނުގެ ދެ ބޭފުޅަކުވެސް ވަނީ އެބޭފުޅުންގެ ޝުޢޫރުތައް ފާޅުކޮށްފައެވެ. މިއީ ފަލަސްޠީނުގެ ހައްޤުގައި މިހާތަނަށް މިގޮތަށް ބޭއްވުނު އެންމެ ބޮޑު އެއް ހަރަކާތެވެ.

ރާއްޖޭގެ މި ހަރަކާތަށް ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފައެވެ. އެގޮތުން، ރާއްޖޭގެ މި އެއްވުމުގެ މަންޒަރުތައް، ޣައްޒާގެ ޚަބަރުތައް އެންމެ ސައްޙަ ކަމާއެކު ގެނެސްދެމުން އަންނަ އެއް ޗެނަލް ކަމަށްވާ އަލްޖަޒީރާއިންވެސް ވަނީ ގެނެސްދީފައެވެ. މިއީ އިސްރާއީލުން ވޭތުވެ ދިޔަ 18 އަހަރު ޣައްޒާ އެއްކޮށް ބަންދު ކޮށްލާފައި އޮތުމާއި ދެކޮޅަށް އަޑު އުފުލައި ޣައްޒާ ”ހިޞޯރުން“ ނައްތާލުމަށް ހިންގާ ގްލޯބަލް ސުމުދު ފްލޯޓިލާގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ހަރަކާތެެކެވެ. މިފަދަ ތަފާތު ހަރަކާތްތައް ދުނިޔޭގެ އެކި ޤައުމުތަކުގައި މިއަދު ވަނީ ކުރިއަށްގެންގޮސްފައެވެ.
ސުމޫދު ފްލޯޓިލާއަކީ ޔަހޫދީ ދައުލަތުން ޣައްޒާގެ ކަނޑާއި ވަޔާއި އެއްގަމު މަގުތައް ބަންދުކޮށް ޣައްޒާއަށް ތަކެތި ވެއްދުން ކޮންޓްރޯލް ކުރަމުންދާ ދިއުމާއި ދެކޮޅަށް 2007 ވަނަ އަހަރުން ފެށިގެން އުފެދިފައިވާ ހަރަކާތެކެވެ. މި ހަރަކާތުގައި ރާއްޖެ ހިމެނޭހެން މިފަހަރު 44 ޤައުމަކުން ބައިވެރިވާއިރު، ކަނޑު މަގުން ޣައްޒާއަށް ވަނުމަށް މަސައްކަތް ކުރާނެއެވެ. މިއީ މިފަދަ އެންމެ ބޮޑު ހަރަކާތަށް ވެގެންދާނެއެވެ. މީގަ ރާއްޖޭގެ ދައުރަކީ މިހަރަކާތުގެ ތެރެއިން ބޯޓުތަކަށް އިންޑޮނޭޝިއާ ފަޅިން މީހުން އެރުމުގެ ކުރިން ދޭން ޖެހޭ ތަމްރީނުތައް ދިނުމެވެ.
