ވާދޫ ސިޓީ ހޮޓެލް ޕްރޮޖެކްޓްގެ ކޮންސްޓްރަކްޝަން ޕީރިއެޑް އިތުރުކޮށްދީފައެއްނުވޭ ކަމަށް ރ. ވާދޫ ކައުންސިލުން ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ، މިކަމާ ގުޅޭ މައުލޫމާތު ހޯދުމަށް ރ. ވާދޫ ލައިވްއިން މައުލޫމާތު ހޯދާލިބިގަތުމުގެ ޙައްގުގެ ޤާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އެދުމުން މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލުން ފޮނުވި ޖަވާބުގައެވެ.
ވާދޫގެ ފަތުރުވެރިކަމުގެ މަޝްރޫޢު އެންމެ ފުރަތަމަ ހަވާލުކުރީ ދިވެހި ކުންފުންޏެއް ކަމަށްވާ ފާލަން ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް 2016 ވަނަ އަހަރުގެ ނޮވެމްބަރުމަހުގައެވެ. އެކުންފުންޏަށް އެކަން ނުވުމުން، އެއްބަސްވުމަށް ބަދަލު ގެނެސް، އެބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރުމުގެ މަސައްކަތް ސިންގަޕޫރުގެ އެމް-20 ހޮސްޕިޓަލިޓީ ވެންޗަރސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގައެވެ.
އެ އެއްބަސްވުމުގައި ބުނާގޮތުން، އެންމެ ލަސްވެގެންވެސް 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހަށް ޓޫރިސްޓު ހޮޓެލްގެ އަމަލީ މަސައްކަތް ނިންމަން ޖެހެއެވެ. ޑިވެލޮޕްމަންޓް ކޮންސެޕްޓާ އެއްގޮތަށް ސިޓީ ހޮޓެލްގެ މަސައްކަތް ނިންމަން، އެ ތާރީޚަށްވުރެ (2 ސެޕްޓެމްބަރު 2023 އަށްވުރެ)، ލަސްވެގެން ނުވާނެ ކަމަށް އެއްބަސްވުމުގެ 7 ވަނަ މާއްދާ (ކޮންސްޓްރަކްޝަން ޕީރިއެޑް)ގައި ވަރަށް ސާފުކޮށް ބުނެފައިވެއެވެ.
ވާދޫ ކައުންސިލާއި އެމް-20 ހޮސްޕިޓަލިޓީ ވެންޗަރސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ii)ގައި ވަނީ، 2 ސެޕްޓެމްބަރު 2023)ގެ ކުރިން މަސައްކަތް ނުނިންމިއްޖެ ނަމަ (ii)ގެ (a)ގައިވާ ”ގެއްލުމުގެ ބަދަލުހޯދުން“ ނުވަތަ (b)ގައިވާ ”އެއްބަސްވުން އުވާލުން“، މިތަނުން ފިޔަވަޅެއް އެޅުން، ނުވަތަ ދެ ފިޔަވަޅު އެއް ފަހަރާ އެޅުމުގެ އިހުތިޔާރު ވާދޫ ކައުންސިލަށް ލިބިގެންވާ ކަމަށެވެ.
އެހެންނަމަވެސް، އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (iii) ގައިވަނީ އެ ފިޔަވަޅުތައް އެޅުމަށް އިސްތިސްނާ ހާލަތްތަކެއް ބަޔާންކޮށްފައެވެ.

އެގޮތުން، ހަނގުރާމަ، ދާޚިލީ ހަނގުރާމަ، ދާޚިލީ ހަމަނުޖެހުން، ތޫފާން، ފެންބޮޑުވުން، ޢާލަމީވަބާ/ ބަލިމަޑުކަން، ނުރައްކާތެރި އެކްސިޑެންޓް ނުވަތަ މިނޫންވެސް އެމް-20 ހޮސްޕިޓަލިޓީ ވެންޗަރސް ޕްރައިވެޓް ލިމިޓެޑަށް ބާރު ނުފޯރުވޭ ފަދަ ހާދިސާއެއް ނުވަތަ ގުދުރަތީ ކާރިސާއެއްގެ ހާލަތު މެދުވެރިވެގެން މަސައްކަތް ތާރީޚަށް ނުނިންމިއްޖެ ނަމަ ފިޔަވަޅު އެޅުމުން އިސްތިސްނާވާނެ ކަމަށްވަނީ ބުނެފައެވެ.
7 ވަނަ މާއްދާގެ (iv)ގައި ބުނެފައިވަނީ, 7 ވަނަ މާއްދާގެ (iii)ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން ”ކޮންސްޓްރަކްޝަން ޕީރިއަޑް“ގައި މަސައްކަތް ނުނިންމޭ ކަމަށްވާ ނަމަ، ސަބަބާއެކު އެކަން ވާދޫ ކައުންސިލަށް އަންގަންޖެހޭނެ ކަމަށެވެ. އަދި 2 ސެޕްޓެމްބަރު 2023ގެ ކުރިން، މުއްދަތު އިތުރުކޮށްދިނުމަށް އެދި ލިޔުމުން ވާދޫ ކައުންސިލްގައި އެދެންވާނެ ކަމަށެވެ.
އެންމެ ލަސްވެގެން 2 ސެޕްޓެމްބަރު 2023ގެ ނިޔަލަށް ނިންމަންޖެހޭ ގޮތަށް އެމް-20 ހޮސްޕިޓަލިޓީ ވެންޗަރސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ މިމަޝްރޫއުގެ ޢަމަލީ މަސައްކަތް މިހާތަނަށް އައިއިރު ފަށާފައިނުވެއެވެ.
ވާދޫ ކައުންސިލުން ބުނީ، މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެއްބަސްވެފައިވާ ތާރީޚުގައި މަސައްކަތް ފަށާފައި ނުވާތީ، ސަބަބުތަކަށް ރިއާޔަތްކޮށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެޅި ފިޔަވަޅެއް އެ ކައުންސިލުން ނުބުނެއެވެ.
ދެ އަހަރު ދުވަހުގެ މުއްދަތެއް އިތުރުކުރުމަށް އެދިފައިވާ ކަމަށާއި މުއްދަތު އިތުރުކުރުމަށް އެމް-20 ހޮސްޕިޓަލިޓީ ވެންޗަރސް ޕްރައިވެޓް ލިމިޓެޑުން އެދުނީ، އެ ތާރީޚަށް މަސައްކަތް ފެށިފައި ނުވާތީ ކަމަށް ވާދޫ ކައުންސިލުން ބުންޏެވެ. އަދި މިމަސައްކަތް ނުފެށި ލަސްވަނީ މަސައްކަތުގެ ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކޮށްނުދޭތީ ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.
