ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ކުރިޔަށް ގެންދާ ”މޯލްޑިވްސް ފައިނޭންސް ފޯރަމް“ ކުރުނބާ މޯލްޑިވްސްގައި މިއަދު ފަށައިފިއެވެ.

މިފޯރަމަކީ މާލީ ދާއިރާގެ އިސް ފަރާތްތަކާއި އެހެނިހެން ސްޓޭކްހޯލްޑަރުން ބައްދަލުވެ، ޚިޔާލު ބަދަލުކޮށް، މަޝްވަރާ ކުރެވޭނެ ފުރުސަތު ފަހިކުރުމުގެ މަގުސަދުގައި ބާއްވާ ފޯރަމެކެވެ.

ކޮންމެ އަހަރަކުވެސް ޚާއްސަ ޝިއާރަކަށް މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރެވޭގޮތަށް އިންތިޒާމްކުރެވިގެން ކުރިއަށް ގެންދާ ފައިނޭންސް ފޯރަމްގެ މި އަހަރުގެ އެޑިޝަން ޚާއްސަކޮށްފައިވަނީ ”ބިލްޑިންގް އަ ރެސިލިއެންޓް އެންޑް އިންކްލޫސިވް ކެޕިޓަލް މަރކެޓް“، މިޝިޢާރަށެވެ.

އެގޮތުން، މިއަހަރުގެ ފޯރަމްގައި ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓުގައި، ވިޔަފާރިތަކަށާއި އިންވެސްޓަރުންނަށާއި އާންމު ފަރުދުންނަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކާއި ބެހޭގޮތުން ޚިޔާލުބަދަލުކޮށް، މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ފޯރަމްގެ ޝިއާރާ ގުޅޭ އެކި މައުޟޫއުތަކަށް ޕްރެޒެންޓޭޝަންތަކާއި، ކީނޯޓް ސްޕީޗްތަކާއި ޕެނަލް ޑިސްކަޝަންތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ފައިނޭންސް ފޯރަމް ފަށްޓަވާދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗެއަރޕާސަން ޑރ. އަޙްމަދު އިނާސް ވިދާޅުވީ، މި ފޯރަމަކީ މާލީ އަދި އިޖްތިމާޢީ ރައްކާތެރިކަމުގެ ދާއިރާތަކުގެ މުސްތަޤްބަލާ ބެހޭގޮތުން މަތީ ފެންވަރެއްގައި މަޝްވަރާކުރެވޭ ފޯރަމެއްކަމަށެވެ. އަދި މި ފޯރަމްތަކުގައި މާލީ އިންފްރާސްޓްރަކްޗަރގެ މުސްތަޤްބަލުން ފެށިގެން ދެމެހެއްޓެނިވި ގޮތުގައި ޕެންޝަން ފޯރުކޮށްދެވޭނެ ގޮތްތައް ފަދަ ތަފާތު މައުޟޫއުތަކާ މެދު މަޝްވަރާކޮށްފައިވާކަމަށް ވިދާޅުވިއެވެ.

ޑރ. އިނާސް ދެއްކެވި ވާހަަކައިގައި 2008ވަނަ އަހަރު ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖް ތަޢާރަފުކުރެވުމާއެކު، ލިސްޓުކުރުމާއި ވިޔަފާރިކުރުމަށް ޚާއްޞަ މަންޞައެއް ބާޒާރަށް ލިބިގެން ދިޔަކަން ފާހަގަކުރެއްވިއެވެ. އަދި އެއިދާރާ ހުޅުވިގެންދިއުމާއެކު، މާލީ ބާޒާރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް ވިދާޅުވިއެވެ. އަދި މިހާރު މާލީ ބާޒާރުގެ މާކެޓް ކެޕިޓަލައިޒޭޝަން 34 ބިލިޔަން ރުފިޔާއަށްވުރެ އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ.

މާލީ ބާޒަރަށް މިފަދަ ކުރިއެރުންތައް އައިނަމަވެސް ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ނުވަތަ ޖީޑީޕީ ހިއްސާވާ މިންވަރު މި ބާޒާރުގައި މަދުކަން ފާހަގަކުރެއްވިއެވެ.

”“މިކަމުގެ ގޮންޖެހުންތައް އަދިވެސް އެބަހުރި. މާލީ ބާޒާރު ހިއްސާކުރަނީ ހަަމައެކަނި ޖީ.ޑީ.ޕީގެ 32 އިންސައްތަ. ބޭންކިންގ އަދި ދަރަންޏަށް ފައިސާ ދޫކުރުން އަދިވެސް ފައިނޭންސިންގގައި އިސްދައުރެއް އަދާކުރޭ. ފައިސާގެ ދައުރުވުން މަދުވެފައި، ބައިވެރިވުން ވަނީ ހަނިވެފައި. މުޅި ދާއިރާގައި ޤާނޫނީ ހުސްކަންތައް ހުރުމާއެކު، ކުރިއެރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވޭ. އެހެންވެ ފައިނޭންޝިއަލް ފޯރަމްތައް ބޭއްވުން މުހިންމުވަނީ.“ ޕެންޝަން އޮފީހުގެ ޗެއަރޕާސަން ޑރ. އަޙްމަދު އިނާސް ވިދާޅުވިއެވެ.

މިއަހަރުގެ ފޯރަމުގައި ރާއްޖެއާއި، ރާއްޖެއިން ބޭރުގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މާލީ ދާއިރާގައި މަސައްކަތްކުރައްވާ މީހުންގެ ތެރެއިން އެ މީހަކު ކުރައްވާ ރިސާރޗްތަކާއި ޕްރޮޖެކްޓްތައް ޙިއްޞާކުރެއްވުމުގެ ފުރުޞަތުވެސް މިފޯރަމުގައި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

”މޯލްޑިވްސް ފައިނޭންސް ފޯރަމް“ އަކީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް މި ދާއިރާގައި ޙަރަކާތްތެރިވާ އިސް މަސްއޫލްވެރިން އެއްތަނަކުން ބައްދަލުވެ، ރާއްޖެއަށް އިޤްތިޞާދީގޮތުން ގެނެވޭނެ ކުރިއެރުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ކޮންމެ އަހަރަކުވެސް ބާއްވާ ފޯރަމެކެވެ. މި ފޯރަމް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2012ވަނަ އަހަރުއެވެ. މިއަހަރުގެ ފޯރަމުގައި މުޅި ޖުމްލަ 110 މީހުން ވަނީ ބައިވެރިވެފައެވެ.