ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގަމުންދާ އައިލެންޑް އޭވިއޭޝަނުން، އެ ކުންފުނީގެ އޭ330 މަރުކާގެ މަތިންދާބޯޓަށާއި އޭ320 މަރުކާގެ މަތިންދާބޯޓަށް ޕައިލެޓުން ހޯދުމަށް މިއަދު އިއުލާންކޮށްފިއެވެ.
މޯލްޑިވިއަންއިން ދުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށްޓަކައި، އެއާބަސްގެ އޭ330-200 ގެ ފުރަތަމަ ބޯޓު ރާއްޖެ ގެނެސްފައިވަނީ މިދިޔަ ޖެނުއަރީ މަހުގައެވެ. މި ބޯޓު މިހާރު ދަނީ އެކިއެކި މަންޒިލްތަކަށް ދަތުރުތައް ކުރަމުންނެވެ. އަދި މިއަހަރުގެ ފަހުކޮޅު އިތުރު އޭ330 ބޯޓެއް ގެންނާނެކަން ވެސް ވަނީ އިއުލާންކޮށްފައެވެ. މި ތަރައްޤީތަކާއެކު، ޚިދުމަތްތައް ފުޅާކުރުމަށްޓަކައި އިތުރު ޕައިލެޓުންނަށް މިވަނީ ބޭނުންވެފައެވެ.
އައިލެންޑް އޭވިއޭޝަނުން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން، ދެ ބޯޓަށް ވެސް ކެޕްޓަނުންނާއި ފަސްޓް އޮފިސަރުން ހޯދަމުން ދަނީއެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
މޯލްޑިވިއަންއިން މިހާރު ބޭނުންކުރާ އޭ330 މަރުކާގެ މަތިންދާބޯޓަކީ 264 ގޮނޑި ހިމެނޭ ބޯޓެކެވެ. މި ބޯޓުގައި ތިން ކެޓެގަރީއެއްގެ ގޮނޑި ހުންނާނެއެވެ. އެއީ 18 ގޮނޑީގެ ބިޒްނަސް ކްލާހާއި، 36 ގޮނޑީގެ ޕްރިމިއަމް އިކޮނޮމީ ކްލާހާއި، 210 ގޮނޑީގެ އިކޮނޮމީ ކްލާހެވެ. އަދި އޭ320 މަރުކާގެ ބޯޓުގައި ހިމެނެނީ 138 ގޮނޑީގެ އިކޮނޮމީ ކްލާހާއި، 14 ގޮނޑީގެ ބިޒްނަސް ކްލާހެވެ.
