މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލުމަށްފަހު އުފައްދާ އައު ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބޭގޮތަށް އެކުލަވާލާފައިވާ މީޑިއާ ބިލު، އިސްލާހުތަކާއެކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި މަޖިލީހަށް ހުށަހެޅުނު މި ބިލަކީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލެކެވެ. މި ބިލާ މެދު އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން އެޓާނީ ޖެނެރަލް އޮފީހުން 13 އިސްލާހު ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ބިލުގެ 67 ވަނަ މާއްދާގެ ދަށުން ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރުން ހިމެނެއެވެ.
ކޮމިޓީގެ މުގައްރިރު ހުސައިން ރިޒާ އާދަމް ވިދާޅުވި ގޮތުގައި، ކޮމިޓީ ނިންމާލުމުގެ ކުރިން ދެ ފަހަރެއްގެ މަތިން ބިލު ފާސްކުރަން ނުފެންނަ މެންބަރުން ތިއްބެވިތޯ ވޯޓަށް އައްސަވާފައިވެއެވެ. ”އެއްވެސް މެންބަރަކު އެގޮތަށް ވޯޓު ނުދެއްވާތީ، ބިލު އިއްތިފާގުން ފާސްވީ“ ކަމަށް ރިޒާ ވަނީ އިއުލާންކުރައްވާފައެވެ.
ކޮމިޓީގައި ބިލަށް ވޯޓަށް އެހުމުން، ހާޒިރުވެ ތިއްބެވި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވަނީ ބިލަށް ތާއީދުކޮށް ވޯޓު ދެއްވާފައެވެ. އެހެންނަމަވެސް، ވޯޓު ނެގުނު ވަގުތު އެތަނުގައި ތިބި ނޫސްވެރިންނާއި އެމްޑީޕީ މެންބަރުން ހިތްހަމަނުޖެހުން ފާޅުކޮށް އިހުތިޖާޖުކުރަން ފެށުމާ ގުޅިގެން ވޯޓުގެ ނަތީޖާ މިއަދު އިއުލާންކޮށްފައެއް ނުވެއެވެ.
އަދި ނޫސްވެރިންގެ ފަރާތުން ހުށަހެޅި ޕެޓިޝަނަށް އިސްލާހުތަކާއެކު ފަރުވާ ލިބިފައިވާކަން އެފަރާތްތަކަށް އެންގުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ހުށަހެޅުން ވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.