ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް އުފައްދަވައިފިއެވެ. މި ކައުންސިލަށް މިހާރު ވަނީ މެމްބަރުން ވެސް އައްޔަންކޮށްފައެވެ.

ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު، މި ކައުންސިލް އުފައްދަވާފައިވަނީ، ”މޯލްޑިވްސް 2.0- ޑިޖިޓަލް-ފަސްޓް ނޭޝަން“ ތަސައްވުރު ގާއިމުކުރެއްވުމާ ގުޅޭގޮތުން ތައްޔާރުކުރައްވާފައިވާ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރެއްވުމުގެ މަސައްކަތްތައް ފަހިކޮށްދެއްވައި، ލަފާދެއްވައި، އެ މަސައްކަތްތައް ބެލެހެއްޓެވުމުގެ މަޤްޞަދުގައެވެ. މި ކައުންސިލުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މި ކައުންސިލުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ؛

1- މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާން
2- މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، މޫސާ ޒަމީރު
3- މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑޮކްޓަރ އިސްމާޢީލް ޝަފީޢު
4- މިނިސްޓަރ އޮފް ހެލްތް، ޢަބްދުﷲ ނާޡިމް އިބްރާހީމް
5- މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފު ޢުމަރު
6- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް، ޢަބްދުالله ފަޔާޟް
7- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޑޮކްޓަރ މުޙައްމަދު ކިނާނަތު
8- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސްޓްރެޓީޖިސްޓް، ސިޔާޙް ޚަލީލް
9- ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ، ސަޢީދާ ޢުމަރު

”މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028′ – ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޯމޭޝަން“ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ފަހިކޮށްދީ ލަފާދިނުމާއި، އެ މަސައްކަތްތައް ބެލެހެއްޓުމުގެ އެންމެ އިސް މަޖިލީހެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލެވެ.

މޯލްޑިވްސް 2.0 އަކީ، ޑިޖިޓަލް ދާއިރާއިން، ދިވެހިރާއްޖެއަށް އިންޤިލާބީ އަދި އިޞްލާޙީ ބަދަލުތަކެއް ގެނައުމުގެ މަޤްޞަދުގައި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދަވާ ޕުރޮގުރާމެކެވެ. މި ބަދަލުތަކުގެ ތެރެއިން ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ދެފުށްފެންނަ، ހަލުވި އަދި ރައްކާތެރި ޚިދުމަތްތަކަކަށް ހަދައި، ދައުލަތުގެ ޚިދުމަތްތަކާއި މުއައްސަސާތަކުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރެވިގެންދާނެއެވެ.