ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކީޕަރު އަދި އެތައް ޓީމުތަކެއްގައި ކުޅެފައިވާ ކުޅަދާނަ ކުޅުންތެރިޔާ އިބްރާހީމް އިފްރާހު އަރީފް (އިފުރާ) ނިޔާވެއްޖެއެވެ.
އިފުރާ ނިޔާވިކަން ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ މީސް މީޑިއާ މެދުވެރިކޮށް ކަށަވަރުކޮށްދެއްވާފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އިފުރާ ނިޔާވީ ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިރޭގެ ވަގުތެއްގައެވެ. އޭނާއަށް ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފެށީ މިދިޔަ ހޯމަ ދުވަހުއެވެ.
އިފްރާހު ނިޔާވީ ހެމޮރެޖިކް ސްޓްރޯކެއް ޖެހުމުގެ ސަބަބުން ސިކުޑިއަށް ލޭއެޅުމާއި ގުޅިގެން ސާޖަރީއެއްވެސް ކުރުމަށްފަހު އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
އިފްރާހުއަކީ ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ޓީމުގައި ބަދަލު ކީޕަރެއްގެ ގޮތުގައި ހުރި ކުޅަދާނެ ކީޕަރެކެވެ. ވެލެންސިއާއިން ކެރިއަރު ފެށި އިފްރާހް ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ކްލަބުތަކުގައި އޭނާގެ ހުނަރު ދައްކާލާފައި އެވެ. އޭގެ ތެރޭގައި ނިއު ރޭޑިއަންޓާއި ވިކްޓްރީ ސްޕޯޓްސް ކްލަބު ހިމެނެއެވެ. އިފުރާގެ ކުޅުމާއި ސުލޫކުގެ ސަބަބުން ގިނަ ބައެއްގެ މެދުގައި އޭނާއަކީ މަގުބޫލު ކުޅުންތެރިއެއްގެ އިތުރުން ހިތްހެޔޮ މީހެކެވެ.