ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި، ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ދައުލަތުގެ 2.2 ބިލިޔަން ރުފިޔާއަށް ހިޔާނާތްތެރިވެފައިވާއިރު، ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް އެކަނި ކުންފުނީގެ އެވަރުގެ ބޮޑު ވައްކަމެއް ނުކުރެވޭނެ ކަމަށާއި އެ ހިޔާނާތް ހިންގުމުގައި ގިނަ ބަޔަކަށް ބައި އެޅިކަން ދަނީ ފަޅާ އަރަމުން ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ދާދި ފަހުން އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ހާއްސަ އޮޑިޓް ރިޕޯޓްގައިވާ ގޮތުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ހިންގާފައިވާ ވައްކަމަކީ ރާއްޖޭގެ ތާރީހުގައި ދައުލަތުގެ ކުންފުންޏެއްގެ ތެރެއިން މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ވައްކަމެވެ. އެގޮތުން ރައީސް ސާލިހުގެ ސަރުކާރުގައި ފެނަކައިން 2.2 ބިލިޔަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާކަން ހާމަވާކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.
މިކަމާ ގުޅިގެން މިނިސްޓަރު އާދަމް ޝަރީފު ”އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީ ސަރުކާރުން މުޅި ދައުލަތް ލޫޓްވަމުންދާ މައްސަލަ، ފެނަކަ އަދި ވެންޓިލޭޓަރުގެ ކޮރަޕްޝަންގެ މައްސަލަ، މަޖިލިސްގެ ސަމާލުކަމަށް އޭރު މެންބަރަކަށް ހުންނެވިއިރު ގެންނެވި ކަމަށެވެ.
ނަމަވެސް އެމްޑީޕީ ސަރުކާރުން އެމްޑީޕީ ސުޕާ މެޖޯރިޓީ އޮތް މަޖިލީހަކުން ވެސް އަދި މިނިވަން މުވައްސަސާތަކުން ވެސް އަޅާނުލި ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެމްޑީ ސައީދު އެކަނި މި ވަރުގެ ވައްކަންތައް ނުކުރެވޭނެ ކަމަށާއި ވަރަށް ގިނަ މީހުންނަށް ބައި އެޅިކަން މިހާރު މި ދަނީ ފަޅާ އަރަމުން ކަމަށެވެ. އަދި ދައުލަތުގެ ޒިންމާ އަކަށް ވާންޖެހޭނީ ހަމައެކަނި އެންމެ މީހަކަށް ގާނޫނު ހިންގުމުގެ ބަދަލުގައި މުޅި މައްސަލައިގެ އެންމެ އަޑިއަށް ފީނައި މި ކަމުގައި ޝާމިލްވާ މީހުންނާމެދު އިންސާފުވެރި ތަހުގީގެއް ހިންގައި ގެއްލިގައިވާ ފައިސާ ރައްޔިތުންނަށް ހޯދައިދިނުން ކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މިހާ ދުވަހު އަޅާނުލާ ތިބި މުވައްސަސާތައް ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށެވެ. އަދި މި ގައުމު ސަލާމަތް ކުރެވޭނީ ކޮރަޕްޝަން މުލުން ލުހިލައިގެން ކަމަށް ވިދާޅުވިއެވެ.
ފެނަކައިގެ 2021 އިން ފެށިގެން 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި ރައީސް ޞާލިޙްގެ ސަރުކާރުގައި ފެނަކައިން ހިންގިކަން އޮޑިޓަށް ސާބިތުވާ ޚިޔާނާތް 2.2 ބިލިއަން ރުފިޔާއަށް ވުރެ މަތިއެވެ.
އެގޮތުން އެމްޑީޕީ ސަރުކާރުގައި ފެނަކައިން 674 އެއްބަސްވުން އެކި ފަރާތްތަކާ މަޝްރޫޢުތައް ހަވާލުކުރުމަށް ކުރިއިރު އޭގެ ތެރޭގައި ގިނައީ ބިޑަކަށް ނުލާ ހަވާލުކުރި މަޝްރޫޢުއެވެ.
އޮޑިޓުން ފާހަގަވި މައްސަލަތައް:
- ހަމައެކަނި ކަރަންޓު ކޭބަލް ގަތުމަށްވެސް 790 މިލިއަން ރުފިޔާގެ ވައްކަން
- ޖަނަރޭޓަރު ސެޓު ގަތުމުގެ ނަމުގައި 552 މިލިއަން ރުފިޔާގެ ވައްކަން
- ޓްރާންސްފޯމަރު ގަތުމުގެ ނަމުގައި 396 މިލިއަން ރުފިޔާގެ ވައްކަން
- ފެނާއި ނަރުދަމާ މަޝްރޫޢު ހިންގުމުގެ ނަމުގައި 496 މިލިއަން ރުފިޔާގެ ވައްކަން
- ހަމައެކަނި ފެނަކައިގެ މި ވައްކަން، 1990 ގައި ފަޅާއެރި އެފްޕީއައިޑީއާ 2015 ގައި ފަޅާއެރި އެމްއެމްޕީއާރުސީގެ ވައްކަމަށް ވުރެ މާބޮޑު
އެމްޑީޕީ ސަރުކާރުގައި ފެނަކައިން އެކަނި ދައުލަތުގެ އޮޑިޓަށް 2.2 ބިލިއަނުގެ ވައްކަން ބޭޒާރުވުމުން ޔަގީންވަނީ، އެމްޑީޕީ ވެރިކަމުގައި 2018 ން 2023 ށް ހިންގި ވައްކަމާ ޚިޔާނާތް، މި ވޭތުވި 100 އަހަރު ފަޅާއެރި އެހެން ޚިޔާނާތްތަކާ ނުބައްދަލު ވަރަށް ބޮޑުވާނެކަމެވެ.