ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ކިޔެވުން ނިންމާލައިފިއެވެ.
މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއަ މި މުބާރާތުގައި މިއަހަރު 119 މުއައްސަސާއަކުން 1037 ބައިވެރިން ވާދަކުރިއެވެ. އެއީ ބަލައިގެން ކުޔެވުމުގެ ގޮފީގައި 582 ފަރާތަކުންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ފަރާތަކުންނާއި ޙާފިޡުންގެ ގޮފީގައި 31 ޙާފިޡުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރުގެ މުބާރާތަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމަކާއެކު ސީދާ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މިއީ ގިނަ އަހަރުތަކެއް ފަހުން ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން މި މުބާރާތް ކުރިއަށް ގެންދިއަ އަހަރެއްކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން މިއަހަރުގެ މުބާރާތުގައި ޙާފިޡުންގެ ބައިގައި ބައިވެރިވި ބައިވެރިންގެ އަދަދުވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން މި މުބާރާތުގެ ޙާފިޡުންގެ ބައިގައި 31 ޙާފިޡުން ބައިވެރިވެފައިވެއެވެ. ފާއިރުވެދިތަ އަހަރު ބޭއްވުނު ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ޙާފިޡުންގެ ބައިގައި ވާދަކޮށްފައިވަނީ 15 ބައިވެރިިންނެވެ.
މުބާރާތުގެ ކިޔެވުން ސަލާމްން ރަސްގެފާނު މިސްކިތުގައި ކުރިއަށް ގެންދިއައިރު، އިރު ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދިޔައީ ސަލްމާން ރަސްގެފާނު މިސްކިތުގެ 4 ވަނަ ފަންގިފިލާ އޮޑިޓޯރިމްގައެވެ. އަދި ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދިޔައީ ސަލްމާން ރަސްގެފާނު މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެންވަރު ރަނގަޅުކޮށް ފާހަގަކޮށްލެވޭ މުބާރާތަކަށް ހެދުމަކީ ރައީސުލްޖުމުޙޫރިއްްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.