ފަލަސްޠީނުގައި ހިންގަމުންދާ ޤަތުލްޢާންމަށް ވާގިވެރިވަނީ އިންސާނީ ޙައްގުތަކަށް ވަކާލާތުކުރާ ޤައުމުތަކުން: ފޮރިން މިނިސްޓަރ
ފަލަސްޠީނުގައި ހިންގަމުންދާ ޤަތުލްޢާންމަށް ވާގިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުންދަނީ، އިންސާނީ ޙައްގުތަކަށް ވަކާލާތުކުރާކަމަށް ދަޢުވާކުރާ އަދި އެނިޒާމު ޤާއިމުކުރި ޤައުމުތަކުންކަމަށް ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
އދ.ގެ 80 ވަނަ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ވަޒީރު ވިދާޅުވީ، ފަލަސްޠީނުގައި ހިންގަމުންދާ ޤަތުލްޢާއްމު ނުފެންނަކަމަށް ހަދައިގެން ބޮޑެތި ޤައުމުތަކުން އެކަމަށް ވާގިވެރިވެގެން ތިބި ތިބުމަކީ ޤަރުނުގެ އެންމެ ބޮޑުލަދުކަމަށެވެ.
އދ.ގެ 80 ވަނަ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ތަޤުރީރުކުރައްވަމުން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލްވަނީ ފަލަސްޠީނުގެ ރައްޔިތުންނާމެދު ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ގެންގުޅެމުންދާ ދެފުށްދެގޮތް ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ، ފަލަސްޠީނުގައި އިސްރާއީލުން ހިންގަމުންދާ ޤަތުލްޢާންމަށް ވާގިވެރިވެދީ، ހަތިޔާރާއި މާލީ އެހީތެރިކަން ފޯރުކޮށްދެމުންދަނީ، އިންސާނީ ޙައްގުތަކަށްޓަކައި އެންމެ ބޮޑަށް ވަކާލާތުކުރާކަމަށް ދަޢުވާކުރާ ޤައުމުތަކުންކަމަށެވެ.
އެޤައުމުތަކަށް މިވީ އެތައް އަހަރެއްގެ ތެރޭގައި ފަލަސްޠީނުގައި ހިންގަމުންދިޔަ ޤަތުލްޢާންމު ނުފެންނަކަމަށް ހަދައިގެން ތިބި ތިބުމަކީ މިޤަރުނުގެ ބޮޑުލަދުކަމަށް މިނިސްޓަރ ސިފަކުރެއްވިއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށްވެސް ދިރިހުރުމާއި ރައްކާތެރިކަން ކަށަވަރުވުމުގެ ހަމަހަމަ ޙައްގުލިބިގެންވާކަން ބަލައިގަންނަން އެޤައުމުތަކުން ދެކޮޅުކަން އެޤައުމުތަކުން މިކަމުގައި ގެންގުޅޭ ވިސްނުމާއި ސިޔާސަތުން ހާމަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބައިނަލްއަޤުވާމީ އިންސާފާއި އަދާލަތުގެ ކުރިމައްޗަށް އިސްރާއީލު ގެނައުމުގައި އދ.އާއި ދުނިޔޭގެ ބާރުތައް ނުކުޅެދިފައިވުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ހަމަތައް ތަންފީޒުކުރުމުގައި ޤައުމުތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅުމުގެ ސަބަބުން، މުޅި ނިޒާމަށް ޤައުމުތަކުން ކުރާ އިތުބާރު ގެއްލުމުގެ ބިރު ބޮޑުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ނަސްލެއް ނައްތާލުމުގެ ޢަމަލު ހިންގުމަށް އިސްރާއީލަށް ލިބިދޭ ފުރުސަތާއެކު ރާއްޖެއިންވަނީ ދުނިޔެއަށް ބިރުވެރި މުސްތަޤުބަލެއް ސިފަކޮށްދެއްވާފައެވެ. އެގޮތުން ވަޒީރުވަނީ ޤާނޫނުތަކުގެ ބާރު ނުހިނގާ ދުނިޔެއެއްގެ ނުރައްކަލުން، ބާރުގަދަ ޤައުމުތަކަށްވެސް ރައްކާތެރިކަމެއް ނޯންނާނެކަމުގެ އިންޒާރުގެ މެސެޖު އދ.ގެ އާންމު މަޖިލީހުގައި ހިއްސާކުރައްވާފައެވެ. އެހެންކަމުން ރާއްޖެއިންވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ އޮނިގަނޑު ބަދަލުކޮށް، ވީޓޯ ކުރުމުގެ ބާރު ވަކި ޤައުމުތަކަށް އޮންނަ ނިޒާމު އުވާލުމަށް ގޮވާލާފައެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައިވަނީ ތިމާވެށީގެ ދާއިރާއިންވެސް މުހިއްމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދުނިޔޭގެ ބޮޑެތި ބާރުތަކުން ތިމާވެއްޓަށް ދެމުންދާ ގެއްލުންތަކުގެ ޒިންމާ ނުގެނުމުގެ ބުރަ އުފުލަންޖެހެނީ ކުދި ޖަޒީރާ ޤައުމުތަކުންކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ތިމާވެށީގެ ދާއިރާއިން ލިބޭ ގެއްލުންތަކުން އަރައިގަނެ ތަރައްޤީއަށް ބޭރުން ނަގާ ދަރަންޏަށް ލުއި ނުލިބި، ކުދި ޤައުމުތަކުގެ ވިލުންތެރިކަމާއި ތަޢުލީމާއި ސިއްޙަތު ފަދަ އަސާސީ ކަންކަމަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ މައްޗަށްވެސް މިނިސްޓަރ ވަނީ އަލިއަޅުއްވާލައްވާފައެވެ.