ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، 4 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ސަޢީދުގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށްވެސް ދަޢުވާ އުފުލިފައިވަނީ 2019 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ހިނގި މައްސަލައެއްގައެވެ. މި މައްސަލައިގައި ބްލޭޒަން އިންކް އިން މަސައްކަތް ފުރިހަމަ ނުކޮށް އަދި މަސައްކަތް ނިމުނުކަން ކަށަވަރު ނުކޮށް ފައިސާ ދޫކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނިންމި ނިންމުމުގައި، ސަޢީދުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމާއެކު، އަދަބު ކަނޑައެޅުމުގެ އަޑުއެހުން އަވަހަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކުށަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށްލެވިދާނެ ކުށެކެވެ.މިއަދު ކްރިމިނަލް ކޯޓުގައި އޮތް ހުކުމް ކުރުމުގެ މަޖިލީހުގައި އިސްގާޒީ، އާދަމް މުހައްމަދު ހުކުމް އިއްވަމުން ވިދާޅުވީ، އަސާސީ އަދަބަކީ 1 އަހަރާ 7 މަހާއި 6 ދުވަހަށް ޖަލަށްލުން ކަމަށާއި، އަދަބު މަތިވާ ޙާލަތެއް ނެތް ކަމަށް ދައުލަތުން ބުނި ނަމަވެސް، ޤާޟީ އަށް ލިބޭ އިޚްތިޔާރުގެ ދަށުން އަދަބުގެ ދަރަޖަ މަތިކުރާ މާއްދާއަށް ޙަވާލާދީ ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ކަމުގައިވާ 4 އަހަރުގެ ޖަލު އަދަބު ކަނޑައަޅަންޖެހޭ ކަމަށެވެ.

ދައުލަތުގެ ކުންފުނިތަކުގައި ކޮރަޕްޝަން ހިންގުން އާންމުވެފައިވާ ކަމަށާއި، ދައުލަތުގެ ފައިސާ އަށް ޚިޔާނާތްތެރިވެ ކޮރަޕްޝަންގެ އަމަލުތައް ހިންގުމަކީ އާދައިގެ މަތިން އާންމު އުސޫލުން ހިގާކަމެއްގެ ގޮތުގައި ބެލެވޭ މިންވަރަށް އެކަން އާންމު ވެފައިވާ ކަމަށް އިސްޤާޒީ، އާދަމް މުޙައްމަދުގެ ހުކުމުގައި ވިދާޅުވެފައިވެއެވެ. އަދި އެފަދަ ޢަމަލު ހިންގާ މީހުންނަށް އަދަބު ލިބޭތަން ފެންނަނީ މަދުން ކަމަށާއި، ލިބުނަސް ލިބެނީ ނިސްބަތުން ކުޑަ އަދަބަކަށްވާތީ، އެފަދަ މީހުންނަށް ލިބޭ އިތުރު ހިތްވަރަކަށް މިކަން ނުހެދުމަށް އެންމެ ހަރުކަށި އަދަބު ކަނޑައަޅަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން އަސާސީ އަދަބަށްވުރެ މަތިކޮށް 4 އަހަރުގެ ޖަލު އަދަބު ކަނޑައެޅީ ކަމަށް އޮވެއެވެ.

މި މައްސަލައާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުން ވަނީ ކޮރަޕްޝަންގެ އިތުރު ބޮޑެތި މައްސަލަތަކެއް ހާމަވެފައެވެ. ނަމަވެސް، ”އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރާކަމަށް“ ބުނެ ސަޢީދު ވަނީ ބަޔާނެއް ނެރެފައެވެ.

ސަޢީދުގެ މައްޗަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތަކެއްގެ ތަޙުޤީޤު މިހާރުވެސް އޭސީސީގައި ދަނީ ކުރިއަށެވެ.