ގއ. މާމެންދޫގައި މީގެ ހަތަރު އަހަރު ކުރިން ހިންގި މާރާމާރީއެއްގައި އެ ރަށު އަހްމަދު އުދައްޔަށް ހަމަލާދީ މަރާލި މައްސަލާގައި ކުށް ސާބިތުވި ދެ މީހަކަށް މަރުގެ އަދަބު ދިނުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ގއ. މާމެންދޫ / ރިހިފަރުދާގެ، އަހުމަދު ޝަމީމް އާއި ގއ. މާމެންދޫ / ގުލްފާމްގެ، މުހައްމަދު މާޒިންގެ މައްޗަށެވެ. މި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ 25 އޮގަސްޓްގައި ވަނީ ކަނޑައަޅާފައެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި އުދައްޔުގެ ވާރިސުންގެ ބަސް ހޯދާފައިވެއެވެ. އެގޮތުން އުދައްޔުގެ ބައްޕަ ވަނީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އެންމެ މަތީ އަދަބު ކަމަށްވާ މަރަށް މަރު ހިފުމުގެ އަދަބު ދިނުމަށް އެދިފައެވެ. އަދި އުދައްޔުގެ މަންމަ ވެސް، ގާޒީގެ އެންގެވުމާ އެއްގޮތަށް ވަކި ގޮތެއް އިހުތިޔާރު ކުރުމުން، އެދިވަޑައިގެންފައިވަނީ މަރަށް މަރު ހިފުމަށެވެ.
މި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވަނީ މަރުގެ ކުށް ސާބިތުވި ދެ މީހުންނަށް ވެސް މަރުގެ އަދަބު ދިނުމަށް ނިންމަވާފައެވެ. އެހެންނަމަވެސް މަރުގެ އަދަބު ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމުމަށްފަހު އެވެ.
މި މައްސަލައިގައި އުދައްޔު މަރުވި ހަމަލާ ދިން ކަމަށް ބުނާ 18 އަހަރު ނުފުރޭ ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މީގެ ތިން އަހަރު ކުރިން ވަނީ ކަނޑައަޅާފައެވެ. އޭނާގެ މައްޗަށް 25 އަހަރު ބަންދުގައި ބެހެއްޓުމަށާއި މަރުގެ ދިޔައިގެ ގޮތުގައި 1 މިލިއަން ރުފިޔާ ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި މި މައްސަލާގައި ދެން ދައުވާކުރި ޝަރަފު ރަޝީދުގެ މައްޗަށް ސާބިތުވެފައިވަނީ މާރާމާރީ ހިންގުމުގެ ކުށް އެކަންޏެވެ.