އެމްޑީޕީގެ ބޮޑު އެއްވުން އާޓިފިޝަލް ބީޗުގައި ފެށުމަށްފަހު، އެއްވުމުގެ ބައިވެރިން މަޖީދީ މަގަށް ނުކުތުމާ ގުޅިގެން ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ޝިފާޒު މަގުމައްޗަށް ނުކުންނަން ގޮވާލުމާ ގުޅިގެން، އެއްވުމުގެ ބައިވެރިން އާޓިފިޝަލް ބީޗު ދޫކޮށް މަޖީދީ މަގުން ދާން އުޅުމުން، ފުލުހުން ވަނީ އެ މަގު ބަންދުކޮށްފައެވެ. މިކަމާ ގުޅިގެން ފުލުހުންނާއި އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު ކުރިމަތިލުން އުފެދިފައިވެއެވެ.

ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެއްވުން ކުރިއަށް ގެންދަން ހުއްދަ ދީފައި އޮތީ އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުގައެވެ. އަދި ބޮޑުތަކުރުފާނު މަގުން ހިނގާފައި ގޮސް އާޓިފިޝަލް ބީޗަށް އެއްވުން ނިންމަން ހުއްދަ ދީފައި އޮތް ނަމަވެސް، އެއްވުމުގެ ބައިވެރިން އެއާ ހިލާފުވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި އެއްވުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެއްވުމުގައި ދިވެހި ގައުމީ ދިދައާއި އެމްޑީޕީގެ ދިދަ ހިފައިގެން ގިނަ ބަޔަކު ބައިވެރިވިއެވެ.