މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލަށް ތަކެއްޗާއި ޚިދުމަތް ފޯރުކޮށްދިން ފަރާތްތަކަށް ދޭންޖެހޭ 99,338 ރުފިޔާ، ލިޔެކިޔުންތައް ފޯޖުކޮށްގެން އެހެން ފަރާތްތަކުގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެންމެ ފަހުން ނެރުނު އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން، މި ފައިސާގެ ތެރެއިން 35,520 ރުފިޔާ އަނބުރާ ހޯދިފައިވީ ނަމަވެސް، އޮޑިޓް ނިމުނުއިރުވެސް 63,818 ރުފިޔާ ވަނީ ނުލިބިއެވެ. މީގެ އިތުރުން، މުދަލަށް އޯޑަރުކުރަން ހުއްދަދޭ އޮފިޝަލްގެ ސޮއި ފޯޖުކޮށްގެން 30,265 ރުފިޔާ ޚަރަދުކޮށްފައިވާ މައްސަލައެއްވެސް ވަނީ ފާހަގަކުރެވިފައެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، އެ މައްސަލަ އަތޮޅު ކައުންސިލަށް ހުށަހަޅާފައިވާކަމަށް ދުވާފަރު ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ. އަދި 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާގޮތުން، އެއްބަސްވުމެއް ނެތި ބިންތައް ކުއްޔަށް ދިނުން ފަދަ އުސޫލާ ޚިލާފު އެހެން ގިނަ ކަންތައްތަކެއްވެސް ކައުންސިލުން ވަނީ ކޮށްފައެވެ.

2022 ވަނަ އަހަރުވެސް މިފަދަ ކަންތައްތަކެއް ހިންގާފައިވާކަން ފާހަގަކުރެވިފައިވެއެވެ. އޭރު ބީލަމުގެ އުސޫލަށް ނުގޮސް އަދި ބިޑް ކޮމިޓީގެ ހުއްދަނެތި 2,373,969 ރުފިޔާ ޚަރަދުކޮށްފައިވާކަން އޮޑިޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޚާއްޞަ ރިޕޯޓެއްގައި ވެސް ދުވާފަރު ކައުންސިލްގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވެއެވެ. މި މައްސަލަތައް ފާހަގަވުމާ ގުޅިގެން، ކައުންސިލްގެ ރައީސްއާއި ނައިބު ރައީސް އަދި މެންބަރުންގެ އިތުރުން ސެކްރެޓަރީ ޖެނެރަލް ވަނީ ސަސްޕެންޑް ކުރެވިފައެވެ.