ތަހުގީގުތަކަށް ހޯދާ ޑިޖިޓަލް ވަސީލަތްތައް ބަލަހައްޓަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ހަދާފައި އޮންނަ އުސޫލުތަކަަށް ކަމަށާއި އެހެންވެ ފުލުހުންގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޮބައިލް ފޯނަކުން މައުލޫމާތެއް ލީކްވުމުގެ ފުރުސަތު ނޯންނާނެ ކަމަށް އެ އިދާރާއިން މިރޭ ބުނެފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޒާރު ދީ އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން ކަމަށް ބުނެ، ސިޔާސީ އެކްޓިވިސްޓް އައިޝަތު ޝިމަންގެ ފޯނު ފުލުހުން ވަނީ މިިދޔަ ބުރާސްފަތި ދުވަހުގެ ރޭ ހިފަހައްޓައިފަ އެވެ. އޭގެ ފަހުން، ”ޝިމަން ގެ ފޯނު“ގެ ނަމުގައި އެކްސްގައި އެކައުންޓެއް ހަދައި އޭނާގެ ފޮޓޯއެއް އާންމުކޮށްފައިވެ އެވެ.
އޭނާ ތުހުމަތުކުރާ ގޮތުގައި އެ ފޮޓޯ ލީކްކުރީ ފޯނު ހިފެހެއްޓި ފުލުހުންނެވެ.
އެކަމާ ގުޅިގެން އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނީ ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދާ ހެކި، ޑިޖިޓަލް ވަސީލަތްތައް ހިމެނޭހެން ބަލަހައްޓަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ކަމަށެވެ.
އެ އުސޫލުތަކުގެ ދަށުން އެ ތަކެއްޗާއި އޭގައި ހިމެނޭ މައުލޫމާތުތަކުގެ ރައްކާތެރިކަން ފުރިހަމައަށް ގާއިމްވެފައިވާތީ ފުލުހުންގެ ބެލުމުގެ ދަށުގައިވާ އެއްވެސް ފޯނަކުން މައުލޫމާތު ލީކްވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
”ވީމާ، ހެކީގެ ގޮތުގައި ހިފެހެއްޓިފައިވާ ފޯނެއްގައި ހުރި ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލީކުވެފައިވާކަމަށް ކުރާ ތުހުމަތަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާ ދޮގު ތުހުމަތެކެވެ.“ ބަޔާނުގައިވެ އެވެ.
ފުލުހުން ބުނީ އެ އިދާރާއިން ތަހުގީގުތައް ކުރިއަށް ގެންދަނީ ޕްރޮފެޝަނަލް ކަމާ އެކު ގާނޫނީ ހަމަތަކުގެ މަތިން ހެކީގެ ރައްކާތެރިކަން ކަށަވަރުކޮށްގެން ކަމަށެވެ.
”މި ހިދުމަތުގެ މަސައްކަތްތަކުގައި އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމާއި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމަކީ އަބަދު ވެސް އިސްކަންދެވޭ ކަންކަމެވެ،“ އެ އިދާރާއިން ބުންޏެވެ.