މާލެއިން ފުރައިގެން ދަތުރުކުރަމުން ދަނިކޮށް ”އަލްމާކް-ފިޔަ“ ނަމަކަށް ކިޔާ ލޭންޑިންގް ކްރާފްޓް އެއް ބަންޑުން ޖަހަލާއި، މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ބަންޑުން ޖަހާލީ ީ100 ފޫޓްގެ ލޭންޑިންގް ކްރާފްޓެކެވެ. މި ހާދިސާގައި އެކަކުގެ ހަށިގަނޑު މަރުވެފައި އޮއްވާ ފެނިފައިވާއިރު، 2 މީހުން ވަނީ ގެއްލިފައެވެ. މި ހާދިސާގައި މަރުވެފައި އޮއްވާ ފެނުނީ އަހުމަދު ޝިފާން، 38، ސަރުސޫނުގެ، ގއ. ދާންދޫ އެވެ.
ބަންޑުން ޖަހާލި ކޮޅުވެއްޓީގައި ދަތުރުކުރީ 7 މީހުންނެވެ. އޭގެތެރެއިން 4 މީހަކު އެމްއެންޑީއެފް އިން ވަނީ ސަލާމާތްކޮށްފައެވެ. މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ފެނިފައިވަނީ ކަނޑުއަޑިން ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ. މި ހާދިސާ ހިންގާފައި ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.
ކ.ތުޅާގިރީގެ އިރުދެކުނުން 1.3 ނޯޓިކަލް މޭލުން ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައި އަޑިއަށްގޮސް އުޅަނދުގެ ބައެއްތަކެތި އޮޔާދާތީވެ، މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.
 
                
             
            