ލ. މާވަށުގައި ސިއްހީ ދާއިރާ ތަރައްގީކުރާނީ، ރައްޔިތުން ބޭނުންވާގޮތަށް ހޮސްޕިޓަލެއްގެ ދަރަޖައަށް ހިދުމަތްދެވޭގޮތަށް ކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސިލްސިލާކޮށް އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، އެއަތޮޅުގެ މާވަށުގެ ރައްޔިތުންނާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެެވެ. ރައީސް ވިދާޅުވީ މާވަށުގެ ސިއްހީ މަރުކަޒުގެ ޖިދުމަތް މިހާރަށްވުރެ ފުރިހަމަކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން، ސިއްހީ މަރުކަޒަށް އިތުރު 4 އެނދުގެ ވޯޑަކާއި،ލެބޯޓްރީއަކާއި ޕަބްލިކް ހެލްތު ޔުނިޓެއްގެ އިތުރުންވެސް، ބައެއް ހިދުމަތްތައް ހިމެނޭގޮތަށް ތަރައްގީކުރުމަށް މިމަހުގެ ތެރޭގައި ބަޔަކާއި ހަވާލުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އަމާޒަކީ ހިދުމަތްތައް އިތުރަށް ތަރައްގީ ކުރައްވައި، ސިއްހީ މަރުކަޒު ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީކުރުން ކަމަށެވެ.މީގެއިތުރުން ކުރިއަށް އޮތް ތަނުގައި މާވަށަށް ހާއްސަކޮށް ދީ އެމްބިއުލާންސެއް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.