ރާއްޖޭގެ ސޯޝިއަލް މީޑިއާގައި މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހިމް (ކައިޒީން) އާއި އޭނާގެ ބައްޕަ އިބްރާހިމް އަލިފުޅާއި ޖެހުނު ބޯޓެއްގެ މިލްކުވެރިކަމުގެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން އަނގައިފިއެވެ.

މި މައްސަލައާއި ގުޅޭގޮތުން ކައިޒީން ބުނެފައި ވަނީ، ކައިޒީންގެ 3.6 މިލިއަން ރުފިޔާއަށް ގަތް ބޯޓު އޭނާގެ އެއްވެސް ރުހުމަކާއި ނުލައި އޭނާގެ ބައްޕަގެ ނަން މައްޗަށް ރަޖިސްޓްރީ ކޮއްފައިވާ ކަމަށެވެ. އެހެންކަމުން ކައިޒީން މި މައްސަލައިގައި އެދިފައި ވަނީ މި ބޯޓުގެ ރަގިސްޓްރީ ކައިޒީންގެ މައްޗަށް ބަދަލްކޮށްދިނުމަށެވެ.

ސިވިލް ކޯޓުން ކުރިން މި މައްސަލައަށް ވަކި ގޮތެއް ނުނިމެނީސް ބޯޓުގެ ރަޖިސްޓްރީ ބަދަލު ނުކުރުމަށް ވަނީ ޓްރާންސްޕޯޓް މިނިސްޓރީއަށް ވަގުތީ އަމުރެއް ނެރެފައެވެ.

އެހެންނަމަވެސް ކައިޒީންގެ ބައްޕަ އިބްރާހިމް އަލިފުޅު ބުނީ، ބޯޓު ގަތުމަށް ވެފައިވާ އެއްބަސްވުމުގައި އޮންނާނީ ބޯޓު ގަންނަ ފަރާތެއްގެ ގޮތުގައި އޭނާގެ ނަން ކަމަށާއި، އެ ބޯޓު އޭނާ ގަތީ ކައިޒީންގެ އެޖެންޓެއްގެ ހައިސިއަޔަތަކުން ނޫން ކަމަށެވެ. އަދި ދަރިންގެ މުދާ މައިންބަފައިން ބޭނުން ކުރުމުން ދަރިންނަށް މައިންބަފައިންގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ހަދީޘްތަކުން ސާބިތުވާކަމަށް ބުނެފައިވެއެވެ.

އިއްޔެ ހައިކޯޓުން ނިންމާފައި ވަނީ، ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށެވެ. މި މައްސަލައާއި ގުޅިގެން އިތުރު މައުލޫމާތު އަދި ހާމަކޮއްފައެއް ނުވެއެވެ.