ހަމަލާދިނުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާއި ހާމާސްއިން ހިލާފުވީކަމަށް ބުނެ އިޒްރޭލުން އަލުން ޣައްޒާއަށް ހަމަލާދީ 30 މީހަކު ޝަހީދުކޮށްލައިފިއެވެ.

އިޒްރޭލުން ޣައްޒާއަށް އެންމެ ފަހުން ދިން ހަމަލާތަކުގައި 30 މީހަކު ޝަހީދުވެ އިތުރު ބަޔަކު ޒަހަމްވިކަން މިހާތަނަށް ވަނީ ކަށަވަރު ކުރެވިފައި. އަހަރެމެންގެ ޓީމުތަކުން އަންނަނީ އިތުރު މީހުން ޝަހީދުވެފައިވާ ވޭތޯ ބަލައި އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން،“ ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވި އެވެ.

ރޭ އިޒްރޭލުން ހަމަލާދިނީ، އިޒްރޭލުގެ އަސީރުންގެ ހަށިތަށް ހަވާލު ކުރުމުގައި ހަމާސްއިން އެއްބަސްވުމާއި ހިލާފުވެފައިވާ ކަމަށާއި އަދި ޣައްޒާގެ ސިފައިނަށް ހަމަލާ ދީފައިވާ ކަމަށް އިޒްރޭލުން ބުންޔެވެ. ނަމަވެސް ހަމާސްއިން އެއްބަސްވުމާއި ހިލާފުނުވާކަމަށް ތަކުރާރުކޮށް ބުނަމުނެވެ.

ހަމަލާ ދިންނަމަ ވެސް އެމެރިކާގެ ޑޮނާލްޑް ޓްރަމްޕްގެ ހުޝައެޅުމާއި އެއްގޮތަށް ވެފައިވާ އެއްބަސްވުން އަދިވެސް ދިމިވަތްކަމަށް އެމެރިކާގެ ނައިބުރައީސް ޖޭޑީ ވޭންސް ވިދާޅުވިއެވެ.

އިޒްރޭލުން ހަމަލާ ދިނުމަށް އުޒުރެއްގެ ގޮތުގައި މިފަހަރު ބުނީ އިޒްރޭލު ސިފައިން ތިބުމަށް ފާހަގަކޮށްފައިވާ ރީނދޫ ރޮނގު ހުރަސްކޮށް ހަމާސް އިން ސިފައިންނަށް ހަމަލާދިން ކަމަށެވެ. އެކަމަކު މި ހަމަލާ ދީފައި ވަނީ ކޮން އިރަކު ކޮން ތާކު ކަމެއް ވެސް ނުބުނެ އެވެ. ޣައްޒާއަށް އަލުން ވަރުގަދަ ހަމަލާތައް ފަށަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަމުރުކޮށްފި ކަމަށް އޭނާގެ އޮފީހުން ބުނެފައި ވާތީވެއެވެ.

”ސަލާމަތީ ކަންކަމާ މަޝްވަރާ ކުރުމަށްފަހު، ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ޣައްޒާއަށް ވަގުތުން ވަރުގަދަ ހަމަލާތަކެއް ދިނުމަށް އަސްކަރިއްޔާއަށް އަންގާފައި،“ ނަތަންޔާހޫގެ އޮފީހުން ބުންޏެވެ.

ޣައްޒާގައި ހަމަލާދޭތާ ދެ އަހަރު ފަހުން ހަމަލާތައް ހުއްޓުމަކަށް ގެނުވި އެއްބަސްވުމާ ހަމާސް އިން ހިލާފުވެ، 28 ހަށިގަނޑު ހަވާލުކުރުމުގެ ސުންގަޑި ވެސް ހަމަވެފައިވާ ކަމަށް ބުނެ އިޒްރޭލުން ގެންދަނީ އިންޒާރުތައް ދެމުންނެވެ. އިޒްރޭލުން ބުނި ގޮތުގައި އެންމެ ފަހުން ހަވާލުކުރި، 16 ވަނަ ހަށިގަނޑަކީ، މީގެ ދެ އަހަރު ކުރިން ހަވާލުކުރި އެހެން އަސީރެއްގެ ހަށިގަނޑުގެ ބައިތަކެވެ.