ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން މިދިޔަ އޭޕްރީލު މަހު ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ހުޅުމާލެ އެމް.ޕީ.އެލް ބަނދަރުގައި ހުއްޓައި ވަގަށް ނެގި މައްސަލައިގައި އާއްޓޭގެ އިތުރުން 4 މީހަކު މީހަކު ބަންދުކޮށް ޖުމުލަ 7 މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮއްފިއެވެ. މި މައްސަލައިގައި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީ އަދި ކަސްޓަމްސްގެ އިސް އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއިލް ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެ ތިން މީހުންގެ އިތުރުން ސިނގިރޭޓް ދެ ކޮންޓެއިނަރު އުފުލުމަށް ބޭނުންކުރި ދޯނީގެ ކެޕްޓަން އާދަމް ވަހީދާއި ހައްޔަރުކޮށްފައިވާ އެމްޕީއެލްގެ ތިން މުވައްޒަފުންގެ ތެރެއިން އަހުމަދު ފިރުޝާން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ މިއަދު އަމަރުކޮށްފައެވެ.
އާއްޓޭ، މުއާޒު އަދި ޒިވާރު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ފަހު މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން މިއަދު އަމުުރުކޮށްފިއެވެ.
އާއްޓޭގެ އިތުރުން ދެން މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އެވެ. ދިގަލި ޝަރީއަތް ނިމެންދެން ބަންދުކުރަން މި މަހުގެ 25 ވަނަ ދުވަހު ވަަނީ އަމުރުކޮށްފަ އެވެ. ދިގަލީގެ ބަންދަށް ކޯޓުން ދީފައިވާ 10 ދުވަސް ހަމަވުމުން އެ ދުވަހު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ އެވެ.
އާއްޓޭ އާއި ދިގަލި ހައްޔަރުކޮށްފައި 13.6 މިލިއަނަށް ވުރެގިނަ ސިނގިރޭޓް ހުރި 2 ކޮންޓެއިނަރު ވަގަށް ނެގުނަށް ފަންޑު ކުރުމުގެ ތުހުމަތުގައެވެ.
މި މީހުންގެ އިތުރުން މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން އެވެ. ސިނގިރޭޓް ވައްކަމުގެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ހަތް މީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
އެ ސިނގިރޭޓް ކޮންޓެއިނަރުތައް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި އެ ކުންފުނީގެ ބެލުމުގެ ދަށުގައި ބެހެއްޓީ ސިނގިރޭޓު ވަގަށް ރާއްޖެ އެތެރެކުރި މައްސަލައިގެ ތަހުގީގަށް ގޮތެއް ނިންމާ ޕީޖީ އޮފީހަށް ނުފޮނުވި އޮތޮމުން ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ. އެ ކޮންޓެއިނަރުތައް ވަގަށް ނަގައިގެން ގެންދިޔަކަން ކަސްޓަމްސްއަށް އެނގިފައިވަނީ މި މަހު 8 ވަނަ ދުވަހުގެ ރެޔެވެ.
 
                
             
                 
            