މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ޔޫތު މިނިސްޓްރީން ކުރިން ނިންމި ގޮތް ބާތިލުކޮށް، އެކަން އަލަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކަސްޓިން ކޮމިޝަން (އެމްއެމްބީސީ) އާ ހަވާލުކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށްވާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމުގެ ތެރެއިން 18 މީޑިއާއަކަށް 28 މިލިއަން ރުފިޔާ ދޫކުރަން ޔޫތު މިނިސްޓްރީން ނިންމައި އާންމުކުރުމުން އެކަމުގައި ހަމަހަމަ އުސޫލެއް ނެތް ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ. މިކަމާ ގުޅިގެން ޔޫތު މިނިސްޓްރީން މިހާރު ބުނެފައި ވަނީ މީޑިއާތަކަށް ފައިސާ ދޫކުރުމުގެ އުސޫލު އެކުލަވާލީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމުގެ މަރުހަލާގައި ކަމަށް ވިޔަސް، އެމްއެމްބީސީ އުފެދުމާއެކު، މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ގުޅޭ ކަންކަން މިނިވަންކަމާއެކު ކުރުމަށް އެންމެ އެކަށީގެން ވަނީ އެ ކޮމިޝަން ކަމަށް ދެކޭތީ، ކުރީގެ އިއުލާންތައް ބާތިލުކޮށް، މިކަމާ ބެހޭ އެންމެހައި ކަންކަން އެމްއެމްބީސީ އާ ހަވާލުކުރީ ކަމަށެވެ.