ހުޅަނގު މޫސުމުގެ ފަނަރަވަނަ ނަކަތް ”ހެއި“ ނަކަތް ނިމި، ”ވިހާ“ ނަކަތް ފެށިއްޖެއެވެ.
ހެއި ނަކަތަކީ އޮކްޓޯބަރުމަހުގެ 18 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރުމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ ނަކަތެކެވެ.
ވިހަ ނަކަތަކީ ނޮވެމްބަރު 13ގެ ނިޔަލަށް ދެމިގެންދާނެ ނަކަތެވެ. މިއީ ވިއްސާރަ އަލި މަސްވެރިކަން ރަނގަޅު ނަކަތެވެ. ”ހެއި“ ނަކަތަށް ފަހު މަސްވެރިން ކަނޑުމައްޗަށް ނުކުންނަން ފަށާނީ މިނަކަތުގައެވެ.
މިއަށް ފަހު ނޮވެމްބަރު 14 އިން 26 އަށް އޮތީ ”ނޮރަ“ ނަކަތެވެ. އެ ނަކަތުގައި ހިސާބަކަށް ވައި މަޑުވެފައި، އަވިދިން ނަމަވެސް ދޭތެރެއަކުން ވާރޭ ވެހޭނެއެވެ. އެއަށް ފަހު ނޮވެމްބަރު 27 އިން ޑިސެމްބަރު 9 އަށް އޮތީ ”ދޮށަ“ ނަކަތެވެ. އިރުއުތުރުން އާދައިގެ ވަރަކަށް ވައި ޖެހޭނެއެވެ. މަސްވެރިކަން ރަނގަޅުވާނެއެވެ. އެއަށް ފަހު ޑިސެމްބަރު 10 ވަނަ ދުވަހު އިރުވައި މޫސުމުގެ ފުރަތަމަ ނަކަތް ”މުލަ“ ގައިދަށްވާނެއެވެ.
މިހާރު މިފެށުނު ނަކަތުގައި ޢާންމުގޮތެއްގައި ވައިޖެހޭނީ ހުޅަނގުންނެވެ. ވައިގެ ބާރުމިން ހުންނާނީ އެވްރެޖް ގޮތެއްގައި ގަޑިއަކު 20.37 ކިލޯމީޓަރު ބާރުމިނުގައެވެ. ވާރޭވެހޭ ނިސްބަތަކީ 3.7 އިންޗިއެވެ. މި ނަކަތުގައި 93 ގަޑިއިރު އަވިދޭނެއެވެ. މި ނަކަތުގައި މަސްވެރިކަން ރަނގަޅުވާނެއެވެ.
 
                
             
                 
            