އެކަކު އަނެކަކު ދެކެ ލޯބިވުމަށާއި ރަޙުމުކުރުމަށް ހުކުރު ޚުޠުބާގައި ބާރުއަޅައިފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ”އިސްލާމީ ރިސާލަތަކީ ލޯތްބާއި ރަޙުމަތުގެ ރިސާލަތެއް“ މި މައުޟޫއުގެ މައްޗަށެވެ.

ހުތުބާގައި ވަނީ އިސްލާމީ ރިސާލަތަކީ މުޅި އިންސާނިއްޔަތަށް ހިދާޔަތު ދެއްވުމަށް މާތް ﷲ ފޮނުއްވި މަތިވެރި ރިސާލަތް ކަން ހަނދާންކޮށްދީފައެވެ. އެގޮތުން މި ރިސާލަތުގެ މައިގަނޑު އަސާސްތައް ބިނާވެފައިވަނީ ލޯތްބާއި ރަޙުމާއި އޯގާތެރިކަމާއި، ހަމަޖެހުމާއި އަމާންކަމުގެ އަސާސުގެ މަތީގައި ކަމަށާއި އިސްލާމީ ރިސާލަތަކީ އެއްކައުވަންތަ ކަލާނގެއަށް އީމާންވުމާއި، އެކަލާނގެއަށް ކިޔަމަންތެރިވުމަށް ގޮވައިލާ ރިސާލަތް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

އަދި އެއީ މުޅި އިންސާނިއްޔަތަށް ބާއްޖަވެރިކަން ގެނެސްދޭ، ރަޙުމާއި ހަމްދަރުދީގެ ރިސާލަތް ކަން ހަނދާންކޮށްދީ ހުތުބާގައި ބުނީ އިސްލާމްދީނުގެ ދުސްތޫރުކަމުގައިވާ ކީރިތި ޤުރްއާން ފެށިފައިވަނީ އޯގާވެރި އޯގާވަންތަ މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުން ކަމަށެވެ.

ހުތުބާގައި ބުނީ މަތިވެރި އަޚުލާޤާއި ރަޙުމަތާ ދެމެދުގައި ވަނީ ގިނަގުނަ މާތް ސިފަތަކެއް ކަމަށާއި އެ ސިފަތަކުން، ލޯބިވުމަށާއި ރަޙުމުކުރުމަށް ބާރުއަޅާ ކަމަށެވެ. އަދި ބައެއް މީހުން އިސްލާމްދީނާ މެދު ދެކެނީ އެއްވެސް ރަޙުމެއްނެތް ހަރުކަށި، އަދި އެ ދީނަށް ތަބަޢަވާ މީހުންނަކީ އެއްވެސް އޯގާތެރިކަމެއްނެތް ބަޔެއްގެ ގޮތުގައި ކަމަށާއި އެހެނަސް ޙަޤީޤަތުގައި އިސްލާމްދީނަކީ ރަޙުމަތުގެ ދީން ކަމަށް ހުތުބާގައި ވަނީ ބުނެދީފައެވެ.

ހުތުބާގައި ބުނީ އިސްލާމް ދީނުގައި ރިވެތި އަޚުލާޤަށް ވަރަށް މަތިވެރި ދަރަޖައެއް ދީފައިވާ ކަމަށާއި އަދި ކީރިތި މާތް ނަބިއްޔާ އެ ކަމުގެ ނަމޫނާ ދެއްކެވި ކަމަށެވެ.

އިސްލާމްދީނާ މެދު، މި ދީނުގެ ޢަދުއްވުން ކުރަހައިފައިވާ ބިރުވެރި، އަނދިރި މަންޒަރަކީ ޙަޤީޤަތާ ޚިލާފަށް ކުރަހައިފައިވާ މަންޒަރެއް ކަން ފާހަގަކޮށް ހުތުބާގައި ބުނީ ޙަޤީޤަތުގައި އިސްލާމްދީނަކީ އިންސާނިއްޔަތުގެ ދީން ކަމަށެވެ.

އެއީ ހެޔޮކަމާއި އޯގާތެރިކަން ފެތުރުމަށް ގޮވައިލާ ދީނެވެ. އަދި އެއީ ފަރުދުންނާއި މުޖުތަމަޢުތަކުގެ މެދުގައި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުކުރުމަށް މަސައްކަތްކުރާ ދީން: ހުތުބާ

އިސްލާމްދީނަކީ ހިތްތިރިކަމާއި މަޑުމައިތިރިކަމަށް ގޮވައިލާ ދީން ކަން ފާހަގަކޮށް ހުތުބާގައި ބުނީ އިސްލާމީ އުންމަތުގެ އަފުރާދުންނަކީ، އެއް ބަޔަކު އަނެއް ބަޔަކަށް ރަޙުމްކުރާ، އޯގާތެރި، ބަޔަކަށްވުމަށް އިސްލާމްދީން ބާރުއަޅާ ކަމަށެވެ. އަދި މި މަތިވެރި ސިފަތަކުގެ ސަބަބުން ދުންޔަވީ އަމާންކަމާއި ހަމަޖެހުން ލިބި، އުޚުރަވީ ބާއްޖަވެރިކަން ލިބޭ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ތިޔަބައިމީހުން އެކުވެރިވެ، އެކަލާނގެ ދީނުގައި ވަރުގަދައަށް ހިފަހައްޓާށެވެ! ދެކޮޅުވެރިކަމާއި، ޙަސަދަވެރިކަމާއި، ގެއްލުންތަކަށް މަގުފަހިވާ ކަންތައްތަކުން ދުރުހެލިވާށެވެ: ހުތުބާ