މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ދައުލަތުން އެދުނު ގޮތާއި ހިލާފަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެކެވެ.
މިއީ 2016 ވަަނަ އަހަރުންފެށިގެން އެފް.އޭ.އެމްގެ ރައީސްގެ މަގާމުގައި ހުރެ، ފީފާއިން އެފް.އޭ.އެމްއަށް ދެމުން ގެންދިޔަ ޑޮލަރުގެ އެހީގެ ތެރެއިން، ބީއޯސީގައި އެފް.އޭ.އެމްގެ ނަމުގައިވާ އެކައުންޓަށް 2018 ވަނަ އަހަރު ޖުލައި އަދި އޯގަސްޓް މަހު ފީފާއިން ދީފައިވާ ފައިސާގެ ތެރެއިން، 10000 ޑޮލަރު ބީއެމްއެލްގައިވާ ބައްސާމުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް ލޯންޑަރ ކުރި މަައްސަލައެވެ.
މީގެ ކުރިން ވެސް އެފް.އޭ.އެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައެއްގައި ބައްސާމުގެ މައްޗަށް ވަނީ 4 އަހަރު ދުވަހުގެ ޖަލުހުކުމެއް އިއުލާނުކޮށްފައެވެ. މި ހުކުމް އިއުލާނުކޮށްފައި ވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ބައްސާމުގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. މި ކުށަށް އަދަބު ދިނުމުގެ ގޮތުން ބައްސާމު 15 އަހަރަށް ޖަލަށްލުމާއި އެކު 50000 ޑޮލަރުން ޖޫރިމަނާ ކުރުމަށް ދިވެހި ސަރުކާރުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. ބުރާސްފަތި ދުވަހުގެ އަޑު އެހުމުގައި ބައްސާމުގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ އަދަބައް ވުރެ ލުއި އަދަބެއް ދިނުމަށް ވަނީ އެދިފައެވެ.
ހުކުމް އިއްވަމުން މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ އެފްއޭއެމްގެ ފައިސާ ބައްސާމުގެ އެކައުންޓަށް ޖަމާކުރިކަމަށް ބައްސާމު އެއްބަސްވެފައި ވާކަމަށާއި އަދި ހެކިތަކުން ވެސް އެކަން ފެންނަން ހުރިކަމަށް ވިދާޅުވިއެެވެ. މީގެ އިތުރުން އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 10000 ޑޮލަރަކީ ބައްސާމުގެ މުސާރަކަމަށް ބުނިކަމުގައި ވިޔަސް ޖަމާކުރި ފައިސާގެ ރަސީދުގައި ”ސޭލްސް އޮފް ޑޮލަރު“ ކަމުގައި ޖަހާފާއިވާކަމަށް ހެކިތަކުން ދައްކާ ކަމާށް ވެސް ގާޒީ ވިދާޅުވެފައިވެއެވެ.
ބައްސާމަށް ދޭން އެއްބަސްވެފައިވާ މުސާރައަކީ 3000 ޑޮލަރު ކަމަށާއި، އެ އަދަދަށްވާ ފައިސާ އޯގަސްޓް މަހު 5 ވަނަ ދުވަހު ބައްސާމުގެ އެކައުންޓަށް ޖަމާކޮށްފައިވާތީ އެ މަހު 26 ވަނަ ދުވަހު ޖަމާކޮއްފާއިވަނީ ބައްސާމުގެ މުސާރައިގެ 3 ގުނަ އިތުރު އަދަދެއްކަމުން އެއީ އޭނާގެ މުސާރަ ނޫންކަން ސާބިތުވާކަމަށެވެ. ސަބަބުތަކަށް ރިއާޔަތްކޮށް އެ ދުވަހު ބައްސާމުގެ އެކައުންޓަށް ޖަމާކޮށްފައިވަނީ ޑޮކަރު މާރު ކުރުމަށް ދީފައިވާ ޑޮލަރުގެ ފައިސާކަމަށާއި އެޔަށް ބައްސާމު ހިޔާނާތްތެރިވިކަމަށް ގާޒީ ވިދާޅުވިއެވެ.
މި ކަންކަމަށް ބެލުމަށްފަހު ބައްސާމުގެ މައްޗަށް އިއްވީ ދައުލަތުން އެދުނު ގޮތާއި ހިލާފަށް 5 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ލޯންޑަރ ކުރި ފައިސާގެ އަދަދު ކަމުގައިވާ 154،000 ދިވެހި ރުފިޔާ 6 މަސް ދުވަހުގެ ތެރޭގައި މީރާ އަށް ދެއްކުމަށް ވަނީ އަމުރުކޮށްފަ އެވެ.
ކުރިން އޭނާގެ މައްޗަށް ސާބިރުވެފައިވާ ހިޔާނާތުގެ މައްސަލާއަށް އިއްވާފައިވާ 4 އަހަރުގެ ޖަލު ހުކުމުގެ މައްޗަށް މަނީ ލޯންޑްރިންގެ ދައިވާގާއި އިތުރު 5 އަހަރުގެ ޖަލު ހުކުމެއް އިއްވާ ޖުމުލަ 9 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
 
                
             
                 
            