ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް (ޔޫއާރުއެޗް) ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތަކުން ގިނަ ކުރިއެރުންތަކެއް މިހާރު ވެސް ހޯދާފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފިއެވެ.

މިގޮތުން އަންނަ ހަފްތާގައި އޮކިއުޕޭޝަނަލް ތެރަޕީގެ ޚިދުމަތް އެ ހޮސްޕިޓަލްގައި ފަށާނެއެވެ. މިއީ އަމިއްލައަށް ދިރިއުޅުމުގެ ކަންކަން ކުރުމަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން އެހީތެރިވެދޭ ފަރުވާއެކެވެ. ހޮސްޕިޓަލްގެ މެނޭޖަރު ޙުސައިން އާސިފް ވިދާޅުވީ މި ޚިދުމަތް ހުރިހާ އުމުރެއްގެ މީހުންނަށް އެޕޮއިންޓްމަންޓް އުސޫލުން ލިބޭނެ ކަމަށާއި، މީގެ އިތުރުން ވާހަކަދެއްކުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ދެވޭ ސްޕީޗް ތެރަޕީގެ ފަރުވާ ފެށުމަށްޓަކައި އަންނަ ހަފްތާގައި ތެރަޕިސްޓެއް ހޮސްޕިޓަލަށް ގުޅޭނެ ކަމަށެވެ.

ރައްޔިތުން އެދޭ ދެ މުހިންމު ޚިދުމަތެއް ކަމަށްވާ މެންޓަލް ހެލްތު ޚިދުމަތްތައް ފެށުމަށް އުނގޫފާރު ހޮސްޕިޓަލްގައި ވަސީލަތްތައް ޤާއިމުކުރަމުންދެއެވެ. އަދި މިހާރުވެސް ނާރުގެ ބަލިތަކާއި، ހިތުގެ ބަލިތަކާއި، ކިޑްނީ ބަލިތަކާއި، ނޭވާލާ ނިޒާމުގެ ބަލިތައް ފަދަ ހަތަރު ސަބް ސްޕެޝަލިޓީ ދާއިރާއިން ފަރުވާ ދެމުންދާއިރު، ހަތަރު ސަބް ސްޕެޝަލިސްޓް ޑޮކްޓަރުންނާއި މެޑިކަލް އޮފިސަރުންނާއެކު ޖުމްލަ 55 ޑޮކްޓަރުން މި ހޮސްޕިޓަލްގައި ޚިދުމަތް ދެއެވެ. މީގެއިތުރުން، އެމްއާރްއައިގެ ޚިދުމަތްވެސް މިހާރު ލިބެން ހުރެއެވެ.

24 ގަޑިއިރު ޚިދުމަތްދޭ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އަހަރަކު ގާތްގަނޑަކަށް 150,000 މީހުންނަށް ޚިދުމަތް ދެއެވެ. ހޮސްޕިޓަލުން ދަނީ ޓަރޝަރީ ފެންވަރަށް ޚިދުމަތްތައް ތަރައްޤީކޮށް، ތަފާތު ތެރަޕީތަކުގެ ޚިދުމަތްތައް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.