ދެން އަންނަ ރިޔާސީ އިންތިހާބެއްގެ ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަން އޮންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ، ދެން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަން އޮންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. ޕީއެންއެފްގެ ފުރަތަމަ ގައުމީ ޖަލްސާގައި ޕާޓީގެ ރައީސްގެ މަގާމަށް އިންތިހާބުވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސީ މަސައްކަތަށް ސަރުކާރުން ހުރަސް އަޅަން މަސައްކަތް ކުރަމުންދިޔަޔަސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި މިހާރު ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުން ސަލާމަތްވެވަޑައިގަންނަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޔާމީންގެ ފޮޓޯ ދައްކައިގެން ކަމަށް ސަޕޯޓަރުން ދައްކާ ވާހަކަ ރޭ އެމަނިކުފާނު ވަނީ ބާރުދެއްވާފައެވެ. އަދި 2013 ގައި ޔާމީން ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ފޮޓޯ ދައްކައިގެން ކަމަށް ބުނާ ވާހަކަ ދޮގުކުރައްވައި ޔާމީން ވިދާޅުވީ މައުމޫން މަސައްކަތްކުރެއްވީ އެހެން ބޭފުޅަކަށް ވެރިކަން ހޯއްދަވަން ކަމަށެވެ.
ޔާމީން ވިދާޅުވީ ޕީއެންއެފްއަކީ ވަރުގަދަ ޕާޓީއެއް ކަމަށާއި، ސަރުކާރު ޖަވާބުދާރީކޮށް ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދޭނެ ކަމަށެވެ. ޕާޓީގެ ހަރަކާތްތައް މުޅި ރާއްޖޭގައި ކުރިއަށް ގެންދާނެ ކަމަށާއި، ޕާޓީގެ މެންބަރުންނަކީ ވަރުގަދަ ބަޔަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. ސިޔާސީ ޕާޓީތަކަކީ ޑިމޮކްރަސީގެ މުހިއްމު ބައެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، ޕާޓީގައި މީހުން ގިނަވުމަށް ވުރެ މުހިއްމީ އިޚްލާސްތެރި، ކަމަށް ކަމޭހިތާ މީހުން ތިބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
 
                
             
                 
            