ދުންފަތުގެ އިސްތިޢުމާލުކުރުމާ ދެކޮޅަށް ހޭލުންތެރިކުރުމުގެ 24 ގަޑިއިރުގެ ޚާއްސަ ދުވުމެއް ފަށައިފިއެވެ. މި ހަރަކާތް ކުރިއަށްގެންދަނީ، ނޮވެންބަރު 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ތަންފީޒުކުރަން ފަށާ ”ޖެނެރޭޝަން ބޭން“ އާއި ގުޅުވައިގެންނެވެ.
”ނެޝެނަލް ޓޯޗް ރަން“ މި ހަރަކާތް ފަށްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މިއަދު ހަވީރު 4 އިން ފެށިގެން މާދަމާ ހަވީރު 4 އަކާ ހަމައަށް މާފަންނު އެކުވެނި ޓްރެކުގައި ކުރިއަށްދާ މި ދުވުމުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި އެތުލީޓުންނާއި ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މި ޚާއްސަ ދުވުމަކީ ޞިއްޙީ ވުޒާރާއިން އިސްނަގައިގެން، ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއާއި، އެޗްޕީއޭއާއި، ޑަބްލިޔުއެޗްއޯ އަދި ސަރުކާރުގެ އެކިއެކި އިދާރާތަކާއި ކުންފުނިތަކުގެ އެހީތެރިކަމާއެކު ”ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި“ މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.
ޖެނެރޭޝަން ބޭންގެ ރަސްމިއްޔާތުގައި އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޙަސަން މުޙައްމަދު ވިދާޅުވީ، މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ޖީލުތައް ދުންފަތުގެ ވަބާއިން ސަލާމަތްކޮށް، ކުޑައިރުންސުރެ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުން ކަމަށެވެ. އަދި ރާއްޖެއިން މިކަން ފެށުމަކީ ހަރުދަނާ ޖީލެއް ބިނާކުރުމަށް ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑަބްލިޔުއެޗްއޯގެ މަންދޫބު މިސް ޕޭޑެން ވިދާޅުވީ، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފެށުމަކީ ދުޅަހެޔޮ މުސްތަޤުބަލަކަށް ރާއްޖެފަދަ ކުޑަ ޤައުމަކުން އެޅި ވަރަށް ހިތްވަރުގަދަ ނިންމުމެއް ކަމަށާއި، ސަރުކާރުގެ މި ނިންމެވުމަށް ޑަބްލިޔުއެޗްއޯއިން މަރުޙަބާ ކިޔާ ކަމަށެވެ.
ދުންފަތުގެ ނުރައްކާ އަންގައިދީ، އެކަމާ ދެކޮޅަށް މަސައްކަތްކުރުމަށް އާންމުންނަށް ހިތްވަރުދިނުމުގެ ގޮތުން، ހުރިހާ އުމުރެއްގެ މީހުންނަށް ބައިވެރިވެވޭ ޚާއްސަ ދުވުމެއް ކަމަށްވާ ”ނެޝެނަލް ޓޯޗް ރަން“ ކުރިއަށްގެންދެއެވެ. މި ދުވުމުގެ ތެރެއިން ދުންފަތުން ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް މޯބައިލް ސިޒޭޝަން ކްލިނިކްތަކާއި، ދުންފަތުގެ ނުރައްކާތަކާމެދު ހޭލުންތެރިކުރުމަށް އެޑްވޮކަސީ ސްޓޯލްތައް ބަހައްޓާފައިވެއެވެ.
 
                
             
                 
            