ދިވެހިރާއްޖޭގެ ޒުވާން ޖީލަކީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުހެލި ސިއްހަތު ރަނގަޅު ޖީލަކަކަަށް ހެދުމަށް 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކޮންމެ ކުއްޖަކަށް ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއްކަމަށް ފާސްކޮށްފައިވާ ގާނޫނަށް މިއަދުން ފެށިގެން ރަސްމީކޮށް އަމަލު ކުރަން ފަށައިފިއެވެ.

ދުންފަތުގެ އިސްތިއުމާލު ކޮންޓްރޯލް ކުރުމަށް ރާއްޖެއިން މިހާތަނަށް އަޅާ އެންމެ ބޮޑު ފިޔަވަޅު ކަމަށްވާ ”ޖެނެރޭޝަނަލް ބޭން“ އަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ. މިދިޔަ މެއި މަހު ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި ބަދަލެއްގައިވާ ގޮތުން، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެއެވެ. މީގެ ކުރިން ދުންފަތް ވިއްކޭނެ އެންމެ ހަގު އުމުރު ވެސް 18 އަހަރުން 21 އަހަރަށް މަތިކުރެވިފައިވީ ނަމަވެސް، މިހާރުގެ އުސޫލުގައި ބުނަނީ 2007 ގައި އުފަންވެފައިވާ ކުއްޖެއްގެ އުމުރުން 21 އަހަރު ފުރުނަސް، ދުންފަތުގެ އެއްވެސް ބާވަތެއް އެކުއްޖާއަށް ވިއްކުން މަނާކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދިވެހި މުޖުތަމައަކީ ސިއްހަތު ރަނގަޅު، ދުޅަހެޔޮ ބަޔަކު ދިރިއުޅޭ ގައުމަކަށް ހެދުމަކީ އެމަނިކުފާނުގެ ސިޔާސަތު ކަމަށާއި، މިފަދަ ނުރަނގަޅު އާދަތައް ނައްތާލެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ.

ކަސްޓަމްސްގެ މައުލޫމާތުތައް ދައްކާ ގޮތުން، ރާއްޖެ އަށް އަހަރަކު އެވްރެޖުކޮށް 500 މިލިއަނެއްހާ ސިނގިރޭޓް އެތެރެކުރުމަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކުރެއެވެ. އަދި ނޭޝަނަލް ހެލްތު އެކައުންޓްސްގެ ހިސާބުތައް ދައްކާ ގޮތުން، ސިއްހީ ހިދުމަތްތަކަށް އެވްރެޖު ގޮތެއްގައި ޖީޑީޕީގެ 9.7 ޕަސެންޓު ނުވަތަ ބަޖެޓުގެ 19 ޕަސެންޓް ހޭދަކުރެއެވެ. ހެލްތު މިނިސްޓްރީން ފާހަގަކުރާ ގޮތުގައި، ދުންފަތާ ދުރު ޖީލެއް ބިނާކުރެވިއްޖެ ނަމަ ބަލިތަކަށް ސަރުކާރުން މިހާރު ކުރާ ބޮޑު ހޭދަ އެތައް ތަނުން ކުޑަވެ އަދި އާއްމުންގެ ދުޅަހެޔޮކަން އިތުރުވެގެންދާނެއެވެ.

މީގެ ހަތަރު އަހަރު ކުރިން އާއްމުކުރި ސްޓެޕްސް ސާވޭ ދައްކާ ގޮތުން ރާއްޖޭގެ ކޮންމެ ހަތަރު މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލް ކުރެއެވެ. އަދި 2019 ގައި ހެދި ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭއިން ދައްކާ ގޮތުން ސްކޫލު އުމުރުގެ ކުދިންގެ ގާތްގަނޑަކަށް 45 ޕަސެންޓް ކުދިން ދުންފަތުގެ ކޮންމެ ވެސް ބާވަތެއް ބޭނުން ކުރެއެވެ.

ސިއްހަތު ރަނގަޅު، ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމުގެ ގޮތުން ރާއްޖެއަށް ކުރި މަސައްކަތްތަކުގެ ތެރޭގައި ވޭޕާއި، އީ-ސިނގިރޭޓު އެތެރެ ކުރުމާއި ވިއްކުމާއި، ބޭނުން ކުރުން ވެސް ވަނީ މަނާކޮށްފައެވެ. އަދި 2024ގެ ނޮވެމްބަރު 15 ވަނަ ދުވަހުން ފެށިގެން މީގެން އެއްޗެއް އެތެރެކޮށް ބޭނުންކޮށްފި ނަމަ ބޮދެތި އަދަދު ތަކުން އެކަމެއް ކުރި މީހަކު ޖޫރިމަނާ ކުރެއެވެ.