ގޭންގް ކުށްތައް މަނާކުރުމުގެ ޤާނޫނުގެ ދަށުން، އެ ޤާނޫނުގައި ބަޔާންކުރާ ގޭންގެއްގެ ޝަރުތު ހަމަވާ އެންމެ ގޭންގްއެއްވެސް މިހާރު ނެތްކަމަށް ހޯމް މިނިސްޓަރު މައުލޫމާތުދެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މި ސަރުކާރަށް 2 އަހަރު ފުރުމާއި ގުޅިގެން މިރޭ ސޯޝިއަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅުވަނީ ކޮންޓްރޯވަރޝަލް ކަންކަން ކަމުގައި ވިޔަސް، ޤައުމަށް ފައިދާވާނެ ރަނގަޅު ކަންކަން ކުރުމަށެވެ. އެގޮތުން، ޤައުމުގައި ހުރި މައްސަލަތަކުގެ އަސްލު ހޯދައި، އެކަންކަން ހައްލުކޮށް، ޤައުމަށް ދާއިމީ ކުރިއެރުމާއި ހެޔޮ ނަތީޖާ ގެނެސްދިނުމަކީ އެމަނިކުފާނުގެ އަމާޒު ކަމަށް ވިދާޅުވި އެވެ. މިގޮތުން، މަސްތުވާތަކެތީގެ މައްސަލައާއި، ބޭރުމީހުންގެ މައްސަލައާއި، ގޭންގް ކުށްތަކުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

ގޭންގް ކުށްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގޭންގް ޤާނޫނު ފާސްކޮށްފައިވާއިރު، ގޭންގެއް ކަމަށް ކަނޑައަޅަން ޖެހެނީ ފުލުހުން ޕީޖީ މެދުވެރިކޮށް ކޯޓަށް ހުށަހަޅައިގެން ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ހޯމް މިނިސްޓަރާ އެކަމާއި ގުޅޭގޮތުން ސުވާލުކުރެއްވުމުން މިނިސްޓަރު ވަރަށް އުފަލުން ވިދާޅުވީ، މިހާރު ޤާނޫނުގައިވާ ޝަރުތު ހަމަވާ އެންމެ ގޭންގެއްވެސް ނެތް ކަމަށެވެ. އެހެނީ، ކުރިން ގޭންގްތަކުގައި އުޅުނު ގިނަ ޒުވާނުން މިހާރު އެކަން ހުއްޓާލައި، ވިޔަފާރިކުރުމާއި، އަބުރުވެރި ދިރިއުޅުމެއް އުޅުމަށް ނޯމަލް ދިރިއުޅުމަކަށް ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު މިކަން ސިފަކުރެއްވީ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގަ އެވެ. ރައީސް ވިދާޅުވި ގޮތުގައި ގޭންގްތައް ނެތިކޮށްލުމަށްޓަކައި ބޮޑެތި ޤާނޫނުތަކާއި އަދަބުތައް ކަނޑައަޅައި ފާސްކުރަނީ، ޒުވާނުން ނުބައި ކަންކަމުން ސަލާމަތްކުރުމަށް ކަމަށެވެ. އެކަމުގެ ނަތީޖާ ގޭންގް ޤާނޫނުންވެސް ފެންނަމުންދާ ކަމަށާއި، މިހާރުވެސް އެއްވެސް ގޭންގެއް އުޅޭނަމަ، ވަގުތުން ފުލުހުން ޕީޖީ މެދުވެރިކޮށް ކޯޓަށް ފޮނުވައި، ކޯޓުން ނިންމައިފިނަމަ، ޤާނޫނުގައިވާ ހުރިހާ އަދަބެއް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އުންމީދުކުރައްވާ ގޮތުގައި ކޯޓުތަކުން މަސައްކަތް ކުރަނީ ވަރަށް އިންޞާފުވެރިކަމާއެކުގައެވެ. އަދި ގޭންގެއް ކަމަށް ކަނޑައެޅިއްޖެނަމަ، ޤާނޫނުގައިވާ ހުރިހާ އަދަބެއް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ކުރިއަށް އޮތް ތާނގައިވެސް ގޭންގްތަކުގެ މައްސަލަ ހައްލުކުރުމަށް މި މަސައްކަތް ދެމިގެންދާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.