އިސްރާއީލްގެ ހަރުކަށި ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް އެއްބަސްވުމެއް ޤާއިމްކޮށް، އެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ނަމަވެސް އަދިވެސް ހަރުކަށި ޔަހޫދީންގެ ވަރުގަދަ ޙަމަލާތައް ދަނީ ޣައްޒާއަށް އަމާޒުވަމުންނެވެ. އެ ގޮތުން އެއްބަސްވުމަށް ބެލުމެއް ނެތި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނި ވެސް އިސްރާއީލުން ވަނީ ޣައްޒާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ޝަހީދުކޮށްލައިފައެވެ.
ޣައްޒާގެ އިދާރާތަކުން ބުނީ އެންމެ ފަހުގެ ޙަމަލާތަކުގައި ހަރުކަށި ޔަހޫދީން ޣައްޒާގެ 20 ރައްޔިތުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. އެ ޙަމަލާތަކުގައި 80އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވެއެވެ. އެނގިފައިވާ ގޮތުގައި ފުރަތަމަ ޙަމަލާ އަމާޒުކޮށްފައި ވަނީ ރިމާލް ކިޔައި ބައިބޯ އަވަށެއްގައި އޮތް ކާރަކަށެވެ. އެ ޙަމަލާގައި ފަސް މީހުން ޝަހީދުވެފައިވެއެވެ.
އޭގެ އިރުކޮޅެއް ފަހުން އިސްރާއީލުން ވަނީ ދީރުލް ބަލާޙްއާއި ނުޞައިރާތު ކޭމްޕުގައި ހުރި ދެ ގެއަކަށް ޙަމަލާ ދީފައެވެ. އެ ދެ ޙަމަލާގައި ވެސް ދިހަ މީހުން ޝަހީދުވެ، ގިނަ ޢަދަދެއްގެ މީހުންނަށް ޒަަޚަމްވެފައިވެއެވެ. ހަމަ އެ ދުވަހު ޣައްޒާ ސިޓީގެ ހުޅަނގު ސަރަޙައްދުގައި ހުންނަ ގެއަކަށް ދިން ޙަމަލާއެއްގައި ވެސް އިތުރު ފަސް މީހުން ޝަހީދުކޮށްލާފައިވެއެވެ.
އެއާއެކު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަމުން ދަނިކޮށް ނޮވެމްބަރު މަހުގެ 22މީ ހޮނިހިރު ދުވަހު އެކަނި ޝަހީދުވި މީހުންގެ ޢަދަދު 20އަށް އަރައެވެ.
ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ނެރެފައިވާ ބަަޔާނެއްގައި ބުނީ ޔަހޫދީންގެ ޙަމަލާތައް ދުވަހެއް ދުވަަހަކަށް އިތުރުކުރަމުންދާ ކަަމަށާއި، ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުން އެކުލަަވައިލުމަށް އެހީތެރިވި ޤައުމުތަކުން ޔަހޫދީންގެ ޢަމަލުތަކާ މެދު ފިޔަވަޅު އަޅަައި، އެއްބަސްވުން ދަމަހައްޓަންޖެހޭ ކަމަށެވެ.