ލ.ގަމު އިންޖީނުގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެއް ޖަނެރޭޓަރު ބޭނުންނުކުރެވޭ ވަރަށް އަނދައިފިއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 2:45 ހާއިރުގައެވެ. އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކޮށް އެއްކޮށް ނިއްވާލާފައެވެ. މި ހަދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ގަމު ކައުންސިލުން ބުނީ އުއްމީދަކީ ވީ އެންމެ އަވަހަކަށް މި ޚިދުމަތް ރައްޔިތުންނަށް އަލުން ލިބުން ކަމަށެވެ. ކަރަންޓު އަލުން ދެވެން އޮތީ އިންޖީނުގެ ހިޔާކޮށްގެން ކަމަށްވާތީވެ، ވެލްޑިން މަސައްކަތްކުރާ ފަރާތްތަކާއި އެ ނޫންވެސް އާންމު ރައްޔިތުން ދަނީ އިންޖީނުގެ ހިޔާކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފެއް ނުވެއެވެ.