ލޯކަލް ކައުންސިލް އިންތިހާބަށް ކަނޑައަޅާފައިވާ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން އިން ހުޅުވާލައިފިއެވެ.

އީސީ އިން އާންމުކުރި ރިޕޯޓްގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިހާބުގެ ދާއިރާތަކުގެ ސަރަހައްދުތައް ކަނޑައަޅާފައިވާ ގޮތެވެ. މި ރިޕޯޓް ވަނީ ސަރުކާރުގެ ގެޒެޓާއި އީސީގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައެވެ. މި ރިިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ މިއަންނަ ހޯމަ ދުވަހެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 3:00 އަށެވެ.

އެގޮތުން ރިޕޯޓްގައި ހިމަނާފައިވާ ބައެއް ކަންތައްތަކަށް ބަލާއިރު، 2000 އަށްވުރެ ކުޑަ އާބާދީގެ ރަށްރަށަށް، ކައުންސިލަށް 3 މެންބަރުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 3 މެންބަރުން ،2000 އަށްވުރެ ބޮޑު އާބާދީގެ ރަށްރަށަށް، ކައުންސިލަށް 5 މެންބަރުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 5 މެންބަރުން ވަނީ ހިމަނާފައެވެ.

މީގެއިތުރުން، އައްޑޫ ސިޓީ ކައުންސިލް އަލުން ކަނޑައެޅުމަށްފަހު، މީދޫ އާއި ހުޅުދޫ ވަނީ ރަށު ކައުންސިލްގެ ގޮތުގައި ވަނީ ވަކިކޮށްފައެވެ.ޝަކުވާ ހުށަހެޅުމަށްޓަކައި އެ ކޮމިޝަނުގެ އޮފީހަށް ނުވަތަ އީމެއިލް އެޑްރެސް info@elections.gov.mv އަށް މެއިލްކުރެވޭނެއެވެ. ޝަކުވާ ހުށަހަޅާއިރު، އެ ފަރާތެއްގެ އައިޑީ ކާޑު ހުށަހެޅުމަށް އީސީން ލާޒިމުކުރެއެެވެ.