ރ. ވާދޫ މަސްޖިދުއް ސަމާހާ (ކުރީގެ ހުކުރު މިސްކިތް) މަރާމާތުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުސަތު މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއިން ހުޅުވާލައިފިއެވެ.

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލުން ބުނީ މިސްކިތް މަރާމާތު ކުރުމަށް ޝައުޤުވެރިވެލައްވާ، ޝަރުތު ހަމަވާ ފަރާތްތަކުން، 2025 ޑިސެމްބަރ 04 ވަނަ ދުވަހުން ފެށިގެން 2025 ޑިސެމްބަރ 15 ވަނަ ދުވަހުގެ ނިޔަލަށް (ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް) ނަންނޯޓު ކުރެއްވުމަށް ދަންނަވާ ކަމަށާއި ނަންނޯޓުކުރައްވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް ހަވާލުކުރެވޭނެ ކަމަށެވެ.

އެ ކައުންސިލުން ބުނި ގޮތުގައި، މި މަސައްކަތާއި ގުޅިގެން ނަންނޯޓު ކުރައްވާފައިވާ ފަރާތްތަކުން އިތުރަށް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، އެފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2025 ޑިސެމްބަރ 15 ވާ ހޯމަ ދުވަހުގެ މެންދުރު 12:30 ގައި އެއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނޫނެވެ. އަދި 2025 ޑިސެމްބަރ 25 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވާފައިވެއެވެ.

އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 2025 ޑިސެމްބަރ 25 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:01 ގައި އެ އިދާރާގެ ކޮންފަރެންސް ހޯލުގަ އެވެ.

މިމަސައްކަތް ކުރުމަށް އެދި އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް ނަންނޯޓު ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަންނާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ އެކަމަށް ތައްޔާރު ކުރެވިފައިވާ ފޯމުގައެވެ. އަދި އޮންނަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ، ނަންނޯޓުކުރައްވާފައިވާ ފަރާތުގެ ނަމުގައެވެ.

ބީލަމުގައި ބައިވެރިވެލެއްވުމަށް ނަންނޯޓު ކުރެއްވުމަށް މި މިއިއުލާނާއިއެކު އާއްމުކޮށްފައިވާ ރެޖިސްޓްރޭޝަން ފޯމާއިއެކު، ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް އެ އިދާރާގެ އީމެއިލްއަށް ހުށަހެޅުއްވުމަށް އެދިފައިވެއެވެ.