މިދިޔަ މަހުގެ 30 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުން 78 ބުލެޓުގެ މަސްތުވާތަކެތި ނަގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ހުޅުމާލެ ގެސްޓަހައުސްއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ 40 އަހަރުގެ ނޭޕާލް މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ އެމީހާ ރާއްޖެ އައިސްފައިވަނީ އިތުރު ދެމީހަކާއެކު މިދިޔަ މަހު 26 ވަނަ ދުވަހުގައި ކަމަށެވެ. ފުލުހުން ބުނީއެ މީހުން މާފުށީގައި އުޅުމަށް ފަހު ހުޅުމާލޭ ގެސްޓްހައުސްއަށް ޗެކިންވީ 28 ވަނަ ދުވަހުގެ ހެނދުނުގައި ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނު މީހާއެކު ރާއްޖެ އައި އަނެއް ދެމީހުން ވަނީ ރާއްޖެ ދޫކޮށް ފިލައިގެން ގޮސް ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތުދީފައެވެ. ފުލުހުން މައުލޫމާތު ދިންގޮތުގައި،މަރުވި މީހާގެ ހަށިގަނޑުގައި އަނިޔާގެ އެއްވެސް ނިޝާނެއް ނެތެވެ. ނަމަވެސް، އޭނާގެ ހަށިގަނޑުގެ ސީޓީ ސްކޭނެއް ހެދިއިރު އޭނާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރި ކަމަށް އެ ސްކޭނުން ދެއްކި ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި އޭނާގެ ހަށިގަނޑުން އެ މަސްތުވާތަކެތި ނަގާފައިވާ ކަމަސް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ނެގީ އެކަމަށް ހާއްސަ ޑޮކްޓަރުންގެ ލަފާގެ ދަށުން ޑޮކްޓަރުން ކަމަށެވެ. މަރުވެފައި އޮއްވާ ފެނުނު މީހާގެ ގޮހޮރުން 78 ބުލެޓްގެ މަސްތުވާތަކެތި ނަގާފައިވާއިރު އޭގެ ބަރުދަނުގައި 818 ގްރާމް ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށާއި،އެކަމާ ގުޅޭ ދޮގު ހަބަރުތައް ނުފެތުރުމަށެވެ.