ރ. ވާދޫގައި ފުލުހުންގެ އިދާރާއެއް އެޅުމަށް ބިމެއް ކަނޑައެޅުމަކީ 2022 ވަނަ އަހަރު ހާސިލުކުރުމަށް ބޭނުންވާ ލަނޑުދަނޑިއެއް ކަމަށް ވާދޫ ކައުންސިލުން ހާމަކޮށްފިއެވެ.
އެ ކައުންސިލުން މިކަން ހާމަކުރީ ރ. ވާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުގައި މި ދިޔަ އަންގާރަ ދުވަހުގެ ރޭގައެވެ.
ޒުވާނުންގެ މަރުކަޒުގައި އޮތް އެ ބައްދަލުވުމުގައި މިކަން ހާމަކުރުމުން ރ. ވާދޫ ކައުންސިލްގެ މެމްބަރުންނާއި ބައްދަލުކޮށް އެ ބިމުގައި ގާއިމުކުރަނީ ޕޮލިސް ސްޓޭޝަނެއްތޯ ނުވަތަ ހަމައެކަނި ޕޮލިސް ޑެސްކް އެ ތަނަށް ބަދަލުކުރަނީތޯ، ރ. ވާދޫ ލަައިވް އިން ސުވާލުކުރުމުން ރ. ވާދޫ ކައުންސިލްގެ ރައީސް ހުސައިން އަލީ ވިދާޅުވީ އަމާޒަކީ އެ ތަނުގައި ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުން ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި ވާދޫގައި ސިޓީ ހޮޓަލެއްގެ އިތުރުން ފަތުރުވެރިންނަށް ހާއްސަ ތަންތަން ތަރައްގީކުރާއިރު ރަށަށް ޕޮލިސް ސްޓޭޝަނެއް ވަރަށް މުހިންމު ވާނެ ކަމަށް ހުސައިން ދެކިލައްވައެވެ.
ރ. ވާދޫއަކީ ދިވެހިރާއްޖޭގައި އެންމެ އަމާން އަދި ކުށް މަދު އެއް ރަށެވެ. ނަމަވެސް މުސްތަޤުބަލަށް ވިސްނައިފި ނަމަ ޕޮލިސް ސްޓޭޝަނެއް ގާއިމުކުރުން މުހިންމު ކަމަށް ރަށުގެ ރައްޔިތުން ވެސް ދެކެއެވެ.
މިހާާރު ވާދޫ ކައުންސިލް އިދާރާގައި ޕޮލިސް ޑެސްކެއް ހުންނަ އިރު، ރަށުގެ އަމާން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވެއެވެ.
