ރ. ވާދޫ ސްކޫލްގައި އަލަށް އިމާރާތްކުރާ ދެބުރި އިމާރާތުގެ މަސައްކަތ އަވަސް މުސްތަޤުބަލެއްގައި ބަޔަކާއި ހަވާލުކުރެވޭނެ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މަޢުލޫމާތު ދީފިއެވެ.

މި މަޝްރޫޢުގައި މިހާރު ކުރިއަށް ދަނީ ކުރެހުން ތައްޔާރުކުރުމުގެ މަސައްކަތެވެ. އެ މިނިސްޓްރީން ލަފާކުރާ ގޮތުގައި މި މަހުގެ ތެރޭގައި ކުރެހުން ފައިނަލްކޮށް ބީލަމަށް ހުޅުވާލެވޭނެއެވެ.

މި މަޝްރޫއަކީ ސަރުކާރުގެ ބަޖެޓުން ޚަރަދުކުރާ މަޝްރޫޢެކެވެ. މި މަޝްރޫޢަށް 2021ގެ ބަޖެޓްގައި 1,600,000.00 ރުފިޔާ އަދި 2022ގެ ބަޖެޓްގައި 6,000,000.00 ރުފިޔާ ހިމަނާފައި ވެއެވެ.

ދިވެހި ސަރުކާރުން، ރ. ވާދޫގައި 7 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ނިންމާފައި ވާއިރު، މިހާރު ހިނގަމުންދަނީ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ އިތުރުން ރ. ވާދޫ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތެވެ.

މި މަޝްރޫޢުތަކުގެ އިތުރަށް ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށް ވާ ފެނަކަ ކޯޕަރޭޝަނުން ދަނީ ވާދޫގައި އައު އިންޖީނު ގެއަކާއި، އޮފީސް އިމާރާތެއްގައި މަސައްކަތް ކުރަމުންނެވެ. އަދި ވާދޫ ސްކޫލްގައި ނަމާދު ކޮޓަރިއެއް ވެސް ފެނަކައިން ދަނީ އިމާރާތްކުރަމުންނެވެ.